ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަމަލު ކުރައްވާ ގޮތުން ފާރިސްގެ ދިފާއު އަށް ހުރަސް އެޅިފައިވާ ކަމަށް ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފާރިސްގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް މައުމޫން ވިދާޅުވީ ދައުލަތުން އަމަލުކުރާ ގޮތުން ފާރިސްގެ ގިނަ ހައްގުތަކަކަށް ނުރައްކާވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މައުމޫން ފާހަގަ ކުރެއްވީ ރިޝްވަތު ދިން ކަމަށް ބުނާ ތާރީޚާއި ވަގުތާއި ރިޝްވަތުގެ ގޮތުގައި ދިން ފައިސާގެ އަދަދާއި ރިޝްވަތު ލިބުނު މެމްބަރަކީ ވެސް ކާކުކަން އެނގެން ނެތުމެވެ. އޭގެ ސަބަބުން، ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު (އެލިބައި ޑިފެންސް) ޝަރީއަތުގައި ނެގުމަށް ފާރިސަށް ހުރަސް އެޅިގެންދާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މިވެނި ތަނެއްގައޭ ރިޝްވަތުގެ ފައިސާ ދިނީ، މިވެނި އަދަދެއްގެ ފައިސާއޭ ދިނީ (ދައުވާގައި) ވިދާޅުވެފައި ނެތީމަ ފާރިސަށް ނެތް ރައްދެއް ދެވޭކަށް ތިމަންނަ އެތަނުގައި ނުހުންނާނެއޭ." މައުމޫން ވިދާޅުވި އެވެ.
ފާރިސް ރިޝްވަތު ދިން ވަކި ދުވަހެއް ސީދާ ބުނަން ނޭނގޭ ކަމަށާއި އެކަމަކު އެއީ މިދިޔަ އޭޕްރީލް 10 ވަނަ ދުވަހުން ފަހުން ހިނގި ކަމެއް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާ ކަން ފާހަގަ ކުރައްވައި، މައުމޫން ވިދާޅުވި ގޮތުގައި އެދުވަހުން ފެށިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހާ ހަމައަށް 2،000 އަށް ވުރެ ގިނަ ގަޑިއިރު އެ ދެމެދުގައި ވަނީ ހޭދަވެފަ އެވެ. އެ ހުރިހާ ވަގުތެއްގައި ފާރިސް އުޅުނު ތަންތަން ސާބިތު ކޮށްދޭން ވެއްޖެ ނަމަ އެއީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެއީ ކުޅަދާނަ ކަމެއް ނޫން އިންސާނަކަށް. އެއްވެސް އިންސާނަކަށް އެކަމެއް ނުކުރެއްވޭނެ. އަޅުގަނޑުމެން ގޮންޖަހާފައި ދަންނަވަން ޕްރޮސެކިއުޓާ ޖެނެރަލަކަށް ވެސް ކެރިވަޑައެއް ނުގަންނަވާނެ [ވިދާޅުވާން] ވޭތުވެދިޔަ 2،000 ގަޑިއިރު ތިމަންނާ ހުރީ މިވެނި މިވެނި ތަނެއްގައޭ،" މައުމޫން ވިދާޅުުވި އެވެ.
ރިޝްވަތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވާ މެމްބަރުގެ ހެކިބަސް ގަބޫލު ކުރެވޭނެ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، މައުމޫން ވިދާޅުވީ ރިޝްވަތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް އެ މެމްބަރު ވިދާޅުވާއިރު އެ މެމްބަރާ މެދު އެއްވެސް ތަހުގީގެއް ހިންގާފައި ނުވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެގޮތަށް ދައުލަތުން ބުނުމަކީ ރިޝްވަތުގެ ފައިސާ ހިފަން މެމްބަރުންނަށް ދެވޭ ހިތްވަރެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ރިޝްވަތުގެ ފައިސާ ބެއްސެވި ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި އިއުތިރާފްވެވަޑައިގެންނެވި މެމްބަރާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އަދި ރިޝްވަތުގެ ފައިސާ ލިބިވަޑައިގަތް ކަމަށް ވިދާޅުވާ މެމްބަރާ މެދު ވެސް އެއްވެސް ފިޔަވަޅެއް ނާޅާއިރު، އިންސާފާއި ހަމައިގެ އުސޫލު ކޮބައިތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.
"ސުވާލު އުފެދެނީ ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ރިޝްވަތު ދިނުމުގެ މައްސަލައަކީ، ދިނުން ވެސް އަދި ރިޝްވަތު ހިފުން ވެސް ބޮޑު މައްސަލައަކަށް ވަނީ އެ މީހެއްގެ ނަމަކީ އަހުމަދު ފާރިސް މައުމޫން ކަމަށް ވަންޏާތޯ؟،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ފަދަ މައްސަލަތަކުގައި ފިޔަވަޅު ނާޅައި، ހުރުމުގެ އިހްތިޔާރެއް ޕްރޮސެކިއުޓާ ޖެނެރަލަކަށް ނޯންނާނެ އެވެ.
ޕީޖީ އަމަލުކުރަނީ ފާރިސްގެ ހައްގުތައް ގެއްލޭ ގޮތަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ