ކުޅުދުއްފުށީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ: ތޯރިޤު

ކުޅުދުއްފުށީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.  ހދ. ކުޅުދުއްފުށީގައި ކުޅި ހިއްކައިގެން އެއާޕޯޓް ހެދުމާ ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކަށް ރައްދު ދެއްވާ މިނިސްޓަރ ތޯރިގު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ކަމަށާއި، މިވައުދު މިފަހަރު ފުއްދަވާނެ ކަމަށެވެ. ތޯރިގު ވިދާޅުވީ ކުޅިއެއް ހިއްކައިގެން ރާއްޖޭގައި މަޝްރޫއެއް ހިންގަނީ އަލަށް ނޫން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސާކް ސަމިޓަށް އައްޑޫ ސިޓީގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރު އެޅީ ވެސް ކުޅިއެއް ހިއްކައިގެން ކަމަށެވެ. އަދި މީގެކުރިން ވެސް ކުޅުދުއްފުށީގައި ކުޅިއެއް ހިއްކައިގެން މަޝްރޫއެއް ހިންގާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.  މީގެއިތުރުން ކުޅި ހިއްކުމުން ރަށު ތެރޭގައި ހެދޭ ފެންގަނޑު ހިންދުމުގައި މައްސަލަތައް ކުރިމަތިވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިނިސްޓަރ ތޯރިގު ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް އެމްޓީސީސީއާ މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި ކޮންމެ ޕްރޮޖެކްޓެއްގައިވެސް ތިމާވެއްޓަށް ލިބޭނެ ގެއްލުން ދެނެގަތުމަށް އީއައިއޭ ރިޕޯޓެއް ހަދާ ކަމަށާއި، އީއައިއޭ ރިޕޯޓުން ލިބޭނެ ގެއްލުންތަކަކީ ކޮބައިތޯ ބަލައި، ގެއްލުން ކުޑަކުރުމަށް ކުރެވޭނެ ކަންތައް ވެސް ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އޮތީ ދެ ގޮތެއް ކަމަށެވެ. އެގޮތުން ފުރަތަމަ ގޮތަކީ އެރަށުގެ ފަޅު ހިއްކައިގެން އެއާޕޯޓު އެޅުން ކަމަށާއި، އަދި ދެވަނަ ގޮތަކީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އެޅުން ކަމަށެވެ. މިހުރިހާ ކަމެއް ބަލާ ދިރާސާކޮށް އީއައިއޭ ހެދުމަށް ފަހު ސަރުކާރުން ނިންމީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އަޅަން ކަމަށް މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ