މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ރޭ ނ. ކުޑަފަރީގައި ބާއްވަން ހަމަޖެއްސި ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ. އެމްޑީއޭގެ ޖަލްސާ ރޭ ބާއްވަން ހަމަޖައްސާފައި އޮތީ ކުޑަފަރީ ހުކުރު މިސްކިތު ކުރިމަތީގައި އޮންނަ ދަނޑު ސަރަހައްދުގަ އެވެ.
އެމްޑީއޭ އިން މި ޖަލްސާ ކެންސަލް ކުރީ ރޭ ނުވައެއް ޖެހީއްސުރެ ވެހެމުން ދިޔަ ބޯ ވާރޭ ދިހައެއް ޖެހި އިރު ވެސް ހުއްޓައި ނުލުމުންނެވެ. ޖަލްސާ ފަށްޓަން ހަމަޖައްސާފައި އޮތީ 9:30 ގަ އެވެ. ރޭގެ ޖަލްސާގައި ބައިވެރިވުމަށް ޓަކައި ޖަލްސާ ބާއްވާ ސަރަހައްދަށް އެމްޑީއޭގެ ހާހަކަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިއްބެވެ. އަދި އަތޮޅު ތެރެއިން މި ޖަލްސާގައި ބައިވެރިވާން ބޭނުންވެ، މޫސުން ގޯސްވެ ދަތުރުފަތުރު ކުރާން ދަތިވުމުގެ ސަބަބުން އެތައް ބަޔަކަށް ކުޑަފަރީ އަށް ނުދެވި ރަށްރަށުގައި ތިބޭން ޖެހުނު ކަމަށް ވެސް އެމްޑީއޭގެ އޮފިޝަަލަކު ސަން އަށް ވިދާޅުވި އެވެ.
ކުޑަފަރީގެ ޖަލްސާ އަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރޭ އިރާކޮޅު އެ ރަށަށް ވަޑައިގަތުމުން، ބަނދަރު މަތީން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔައިފަ އެވެ. ސިޔާމް ކުޑަފަރީ އަށް ވަޑައިގެންނެވި އިރު ވެސް ވާރޭ ވެހެމުންދިޔަ އެވެ.
އެމްޑީއޭގެ ޖަލްސާ އަށް ޓަކައި ކުޑަފަރީ އޮތީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފަ އެވެ. މި ޖަލްސާ ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެމްޑީއޭގެ އޮފިޝަލު ވިދާޅުވި އެވެ. ރޭގެ ޖަލްސާ އޮތީ ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ލައިވް ކުރާ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ.
އެމްޑީއޭގެ ކުޑަފަރީ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ