މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި އަމުރަށް ޢަމަލުކުރުން ސުޕްރީމް ކޯޓުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހައް އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވީނަމަވެސް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރަށް ޢަމަލު ކުރުން ފަސް ކުރުމަށް މިރޭ އެކޯޓުން ނިންމަވައިފިއެވެ.
އެ ކޯޓުން މިކަމާއި ގުޅިގެން ދެންމެ ނެރުނު އަމުރެއްގައި ވަނީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމާއި، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް ޢަމަލުކުރުން މަޑު ޖައްސާލަން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ވާގޮތުގައި، މިގޮތަށް ނިންމާފައިވަނީ، ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި، ރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީއަށާއި، އެ ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި އަދި އެ މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ކަމަށެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރެއް ނެރެފައި މިވަނީ، މާދަމާ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާ ކަން ހާމަކޮށް، ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރާއި އެއްގޮތްވާގޮތުގެ މަތިން އޭގައިވާ ގޮތަށް އަމަލު ކުރާނެކަން މަޖިލީހުގެ އިދާރާއިން މިއަދު ހާމަކުރައްވާފައި ވަނިކޮށެވެ.
މީގެ ކުރިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ މެމްބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ