މާލޭ އުތުރު ފަޅުގައި ލޯންޗު ކައިރި ކުރަން ލަކުޑި ޖެޓީތަކެއް އަޅަނީ

މާލެއިން އެހެން ރަށްތަކަށާއި ރިސޯޓުތަކަށް ދަތުރުކުރާ ގިނަ ލޯންޗުފަހަރު ކައިރިކުރާ މާލޭ އުތުރު ފަޅުގެ ސަރަހައްދުން ލޯންޗުތަކަށް އަރައިފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެ ދިމާލުގައި ލަޑުކި ޖެޓީތަކެއް ތަރައްގީކުރުމުގެ ޕްލޭނެއް ރައީސް މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.
މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދައްކާލި މަންޒަރުތަކުން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުގެ އެންމެ ފަހުން ފުޅާކޮށް، ތާރުއެޅި ސަރަހައްދާ ދިމާލުން މޫދުގައި މީގެ ގިނަ ޖެޓީތަކެއް ނުވަތަ ފާލަންތަކެއް ތަރައްގީކުރަން ސަރުކާރުން ވަނީ ރާވާފަ އެވެ. މި ފާލަންތައް ހުންނަނީ އެމްއެމްއޭ ސަރަހައްދުން ފެށިގެން މަސްވެރިންގެ ޕާކާ ދޭތެރޭގަ އެވެ. 
ސަރުކާރުން ގެންގުޅޭ ޕްލޭނުގެ މަންޒަރުތައް ދައްކާލި ނަމަވެސް މި މަޝްރޫއުގެ އެހެން އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ އަޅަނީ ކިތައް ފާލަން ކަމެއް ނޭނގެ އެވެ. 
މިހެން ނަމަވެސް މުއިއްޒު ވަނީ ނޯތު ހާބަރުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ބޮޑުތަކުރުފާނު ތަރައްގީކުރަން ހިންގާ މަޝްރޫއާއެކުއެކީ މި މަޝްރޫއުގެ މަސައްކަތް ވެސް އަންނަ ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ 
މި ޖެޓީތައް ތަރައްގީކޮށް ނިމުން ވާނީ، ލަފާފުރަން އެ ސަރަަހައްދު ބޭނުންކުރާ އުޅަނދުފަހަރަށާއި އެ އުޅަނދުތަކުގައި ދަތުރުކުރާ އާންމުންނަށް ވެސް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަކަށެވެ.
މިހާރު އެ ސަރަހައްދުގައި އެންމެ ބިޒީވާ ގަޑިތަކުގައި ބައެއް ލޯންޗުތަކަށް އަރަން ޖެހެނީ އެހެން ލޯންޗުތަކުން ގޮހެވެ. މިއީ ގިނަ ބަޔަކަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނާއި ކުޑަކުދިން ގޮވައިގެން އުޅޭ މީހުން ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމެކެވެ. 
ސަރުކާރުން މާލޭގައި ތަރައްގީކުރަން ވިސްނާ ވައްތަރުގެ ލަކުޑިން ހަދާފައިވާ ފާލަންތައް މިހާރު ވެސް ހުޅުލެ އާއި ހުޅުމާލޭގައި އަދި ރިސޯޓުތަކުގައި ބޭނުންކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ