ރައީސް ޔާމީންއާ ޚިޔާލު ތަފާތުވުމަކީ ރައްޔިތުން ހަވަރަށް ދިނުމެއް ނޫން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ ރައްޔިތުން ހަވަރަށް ދީ، ގައުމު ހަލާކުކުރަންޖެހޭ ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.  މޫސާ މަނިކު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ބަދުނާމްކޮށް ގައުމުގެ އިގުތިސާދު ފުނޑުފުނޑުކޮށްލުމަށް ބޭރު ގައުމުތަކުގައި ކުރަމުންދާ މަސައްކަތާ ގުޅިގެނެވެ.ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަދި އެމްޑިޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ ރާއްޖެއަކީ އިގުތިސާދީ ފުދުންތެރިކަން ދަށް ގައުމަކަށް ވާއިރު، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިގުތިސާދު ހަލާކުކޮށް، ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށެވެ. އަދި ރައީސް ޔާމީނާ ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ރައްޔިތުން ހަވަރަށް ދީ، ގައުމު ހަލާކުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން ރާއްޖޭ ބަދުނާމްކުރަން ބޭރު ދުނިޔޭގައި ވާހަކަ ދެއްކުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ބައިނަލް އަގްވާމީ ޖަމާޢަތްތަކުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ނުކުރުމަށް ގޮވާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.އޭނާ އިތުރަށް ވިދާޅުވީ ސަރުކާރާ ދެކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މަސައްކަތަކީ ހަމައެކަނި ވެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި، މީގެކުރިން ވެސް ވެރިކަމުގެ ދަހިވެތި ކަމުގައި ބައެއް ދިވެހިން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން ގައުމުގެ މިނިވަންކަން ގެއްލި ދިވެހިން އަޅުވެތިކަމުގައި އުޅެންޖެހިފައިވާކަމަށެވެ. އަދި ސަރުކާރާ ދެކޮޅު ފަރާތްތަކުން ވެރިކަމުގެ ދަހިވެތި ކަމުގައި ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތާ ދެކޮޅަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.  އެގޮތުން އެންމެ ފަހު ލޭ ތިއްކާ ޖެހެންދެން ވެސް ދޫ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ރާއްޖެއިން ބޭރަށް ވަޑައިގެން ދައްކާ ވާހަކަތަކުން އެއްވެސް ފައިދާއެއް ނުކުރާކަން އީޔޫގެ ނިންމުމުން ހާމަވެއްޖެ ކަމަށާއި، އީޔޫ އޮތީ ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށްކަމަށެވެ. އަދި އެމްޑީޕީން ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލާއިރު، ރާއްޖެއަކީ އެމީހަކު ބޭނުން ދީނަކަށް އުޅެވޭނެ ގައުމެއް ނޫން ކަމަށާއި، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް އެގޮތައް ތަންނުދޭ ކަމަށް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އުޅެންވީ ގޮތާއި ރާއްޖޭގެ ގާނޫނުތައް ހަދަންވީ ގޮތް ހުޅަނގުގެ ޔަހޫދީންނަށް ނޭނގޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ