އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާނުކުރެވޭކަމަށް ވަންޏާ ގެއަށް ވަޑައިގަތުމަށް އެމްޑީޕީ ޑިޕިއުޓީ ޗެއަރޕަސަންގެ ނާއިބް އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒްގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަހްމަދު އަބްދުﷲ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މުސާރަ ނަގަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި، އެހެންކަމުން، އެއްވެސް ސިޔާސީ ޕާޓީއަކާމެދު ތަފާތުކުރުންތަކެއް ނުގެންގުޅެވޭނެ ކަމަށެވެ. ސިޔާސީ ޕާޓީތަކަކީވެސް މުއައްސަސާތަކެއް ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީއަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަހްމަދު އަބްދުﷲ ވިދާޅުވީ، ގާނޫނަށް ބެލުމެއްނެތި، ގާނޫނީ ޒިންމާއަށް ބެލުމެއްނެތި އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެއްވޭ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި، ޕާޓީތަކުގައި ތިބި މެމްބަރުން އެގޮތް މިގޮތަށް އަނބުރަމުން ގެންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އެގޮތުން އަދާލަތު ޕާޓިއަށް ފައިސާ ނުދޭން ނިންމި މައްސަލައަށް ބައްލަވާލެއްވިއެވެ.
"ސިޔާސީ ޕާޓީއަކަށް ފައިސާ ނުލިބޭ މިންވަރަށް މެމްބަރުން މަދުކުރުމުގެ ހައްގެއް އިލެކްޝަނަކަށް ލިބިގެންނުވޭ. މިއީ އިލެކްޝަނުން ކުރާ ގާނޫނީ ވަރަށް ބޮޑު ކުށެއް. މެމްބަރުން ޕާޓީތަކުން ވަކިކުރުމުގެ އެއްވެސް ހައްގެއް އިލެކްޝަނަށް ލިބިގެންނުވޭ" އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގައި ފިނޭންސުން ލިބުނު ހަމިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ބަހައި ޖަމާކުރުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ބުނެފައިވާކަން ފާހަގަ ކުރައްވަމުން އަހްމަދު ވިދާޅުވީ، މިއީވެސް އިލެކްޝަނުން ހިންގާ ސިޔާސީ ޖަރީމާއެއް ކަމަށެވެ.
ދައުލަތުގެ ބަޖެޓް ފާސްކުރިއިރު، ސިޔާސީ ޕާޓީތަކަށް 3 މަސްދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ފައިސާގެ މިންވަރު ކަނޑައަޅާފައިވާ ކަމަށާއި، އެ ފައިސާނުދީ ހިފަހައްޓައި އަދި ލަސްކުރުމަކީ އިލެކްޝަނުން ހިންގާ ސިޔާސީ ޖަރީމާއެއް ކަމަށްވެސް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަނީ، ވަކިޕާޓީއަކަށް ވަކި އަދަދަކަށް މެމްބަރުން ހަމަވަންދެން ފައިސާދޭން މަޑުކުރާ އުސޫލަކުންތޯ ސުވާލު އުފެދޭ ކަމަށާއި، ޕާޓީތަކާމެދު އިލެކްޝަނުން ތަފާތުކުރާކަމުގެ ތުހުމަތު ކުރެވޭ ކަމަށްވެސް އެމްޑީޕީގެ ޗެއަރޕަސަންގެ ނާއިބް ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ޕާޓީތަކުގެ މަސައްކަތަށް ދަތިކޮށް ހުއްޓުވަން ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތުވެސް ކުރެއްވިއެވެ.
ރިޔާސީ އިންތިޚާބު ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ސިޔާސީ ޕާޓީތަކުން އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދާއިރު އިލެކްޝަނުން ޕާޓީތަކަށް ދަތިކުރުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށްވެސް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
މީގެއިތުރުން، ޕާޓީތަކުން ފިންގަޕްރިންޓް ޖަހައި ސޮއިކޮށް ފޯރމް ހުށަހެޅީމަ ދަފްތަރުގައި ހިމަނަންވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށާއި، ނަމަވެސް ޕީޕީއެމްއިން ހުށަހެޅީމަ ބާރަށް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް މިގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި، މިމައްސަލަތައް ބެލޭނެ ކަމަށާއި، މިކަމަށް ފިޔަވަޅުވެސް އެޅޭނެ ކަމަށްވެސް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
"މިނިވަންކަމާއެކު މަސައްކަތްކުރާށޭ އަޅުގަނޑުމެން މިދަންނަވަނީ. ޕާޓީތަކުގައި މެމްބަރުން އެބަތިބި ފައިސާ ލިބެންޖެހޭ މިންވަރަށް އެ މިންގަނޑަށް. ގާނޫނާ އެއްގޮތަށް ފައިސާ ދިނުން ނޫންގޮތެއްނެތް. ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންކުރުން ނޫންގޮތެއްނެތް. އެގޮތަށް ކަން ނުކުރެވެންޏާ މަގާމަށް ކުފޫހަމައެއް ނުވޭ އެބޭފުޅުންގެ" އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
ޒިންމާ އަދާ ނުކުރެއްވޭނަމަ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ގެއަށް ވަޑައިގަންނަވާ: އަހްމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ