ޖޭޕީ އާއި ގުޅުނީ ވެރިކަން ހޯދައި ދިނުމަށް - އުމަރު

ޖުމްހޫރީ ޕާޓީއާ ގުޅުނީ އެ ޕާޓީ އަށް ވެރިކަން ހޯދައި ދިނުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު އުމަރު ވިދާޅުވީ ޖޭޕީއަކީ މީގެ ކުރިން އެހެން ޕާޓީތަކަށް ވެރިކަން ހޯދައިދިނުމަށް އެހީތެރިވެދޭ ޕާޓީ ކަމަށެވެ. ނަމަވެސް މިހާރު އެ ޕާޓީ އަކީ ވެރިކަން ހޯދާ ޕާޓީއަށް ބަދަލުވާނެ ކަމަށް ދޭހަވާ ގޮތައް އޭނާ ވާހަކަ ދެއްކެވި އެވެ.
"މި ޕާޓީއިން ވޭތުވެދިޔަ އަހަރުތަކުގައި ކުޅެފައި ވަނީ، ކިންގް މޭކާގެ ރޯލް. މި ޕާޓީ އަކީ އެހެން ޕާޓީތަކަށް ރައީސްކަން ހޯދައިދޭ ޕާޓީ. ނަމަވެސް މި ޕާޓީއިން ވޭތުވެދިޔަ 10 އަހަރު ކުޅުނު، ކިންގް މޭކާގެ ރޯލިން ކިންގެ ރޯލަށް ބަދަލުވުުމަށްޓަކައި،  މި ޕާޓީއަކީ ވަކި ފިކުރެއްގެ މަތީގައި ގާއިމްވެ އޮތް ޕާޓީއަކަށް ހަދަން ޖެހޭ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޖޭޕީ އަކީ މިހާރު ރާއްޖޭގައި އޮތް ތިންވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށެވެ. އޭނާ ވިދާޅުވީ މި މަގާމަށް ޖޭޕީއިން އައިސްފައި ވަނީ އިންތިހާބުތަކަށް އެޕާޓީގެ މެމްބަރުން އިންތިހާބު ކުރުމަށާއި އެހެން ޕާޓީތަކުގެ މީހުން އިންތިހާބުވުމަށް އެ ޕާޓީއިން ކާމިޔާބުކަމާއެކު މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.
"އަޅުގަނޑު މި ޕާޓީއާ މި ގުޅުނީ، ރާއްޖޭގެ ތިންވަނަ ޕާޓީއިން، ވެރިކަން ކުރާ ޕާޓީއަކަށް ޖޭޕީ ހެދުމުގެ ޝައުގުވެރިކަން ހުރި ނަމަ އެކަމުގައި އެހީތެރިވެދިނުމަށް. ތިންވަނަ ޕާޓީގެ ގޮތުގައި އަދިވެސް އޮތުމުގެ ޝައުގުވެރިކަން މި ޕާޓީގައި އޮތް ނަމަ އަޅުގަނޑުގެ ހިދުމަތް މުހިންމެއް ނުވާނެ. ތިންވަނަ ޕާޓީގެ މަގާމުގައި އަދި އިތުރު 20 އަހަރު ވެސް މި ޕާޓީއަށް މަޑުކޮށްލެވިދާނެ." އުމަރު ވިދާޅުވިއެވެެ.
އުމަރު ވިދާޅުވީ، ޖޭޕީ ވެރިކަން ކުރާ ޕާޓީއަކަށްވެ، އިގްތިސާދީ، އިޖްތިމާއީ، ދީނީ އަދި ސިޔާސީ ކަންކަމުގައި ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ އެޕާޓީއަށް އޭނާގެ ބޭނުން ހިފޭނެ ކަމަށެވެ.
"މި ޕާޓީގެ ލީޑާޝިޕުން ނިންމަންވީ ޖޭޕީ ވާނީ ލީޑަރަކަށްތޯ ނުވަތަ ފޮލޯވަރަކަށްތޯ؟" އުމަރު ވިދާޅުވިއެވެ.
އުމަަރު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސައްކަތްތަކާއި ހިދުުމަތްތަކުގެ މައްޗައް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެެ. އަދި ޖޭޕީއާއި، ގާސިމްގެ ހިދުމަތްތަކަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ