އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން ފަށާފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ މި ބައި އިލެކްޝަންގައި ވޯޓުލުމަށް ފޭދޫގައި 5 ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރެއިން 1 ފޮއްޓެއްގެ ވޯޓުލުން ފެށިފައިވަނީ ވޯޓްލުން ފެށުމަށް ކަޑައެޅިފައިވާ ގަޑިއަށްވުރެ ގާތްގަޑަކަށް 30 މިނެޓްލަހުންނެވެ.
މި ފޮށީގެ ވޯޓްލުން ލަސްވެގެންދިޔައީ އެފޮށްޓަށް ވޯޓުލާން ފަށަންޖެހެނީ ވޯޓްލުމަށް ހާޒިރުވެފައި ތިބި މީހުންގެ ހާޒިރުގައި ފޮށިކަޑާ ފޮށި ދެއްކުމަށް ފަހު ކަމަށްވާތީ ގަޑިޖެހިގެން ބައިގަޑިއިރު ވެގެންދިޔައިރުވެސް އެފޮށްޓަށް ވޯޓްލުމަށް ބަޔަކު ގޮސްފައިނުވާތީ ކަމަށް އައްޑޫގައި ހުރި އަޅުގަނޑުމެންގެ ރިޕޯޓަރ މައުލޫމާތުދެއެވެ.
ފޭދޫގައި ވޯޓުލުން ނިމޭނެ ގަޑިއެއްކަމަށް ކަޑައަޅާފައިވަނީ ހަވީރު 4:00 ޖަހާއިރުއެވެ. ގަޑިޖެހޭއިރު، ކިއުގައި ބަޔަކު ތިބިނަމަ އެބަޔަކު ވޯޓުލާ ނިމެންދެން ފޮށި ހުޅުވާފައި ހުންނާނެކަމަށާއި، ނަމަވެސް 4 ޖަހާއިރު ކިއު ބަންދުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓުފޮށިވެސް ބަހައްޓާފައިވަނީ ފޭދޫ ސްކޫލްގައެވެ. އަދި އެދާއިރާގެ ރައްޔިތުން ވޯޓްލުމަށް މާލޭގެ އިސްކަންދަރު ސްކޫލްގައި ބަހައްޓާފައިވާ 2 ވޯޓު ފޮށީގެ ވޯޓްލުންވެސް ފެށިގެން ކުރިއަށްދާކަމަށް މައުލޫމާތުލިބެއެވެ.
ބައި އިލެކްޝަންގަ ވޯޓުލުމަށް ފޭދޫގައި 3782 މީހުން ތިބިއިރު މާލޭގައި ބަހައްޓާފައިވާ 2 ފޮށްޓަށް ވޯޓްލުމަށް 532 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓާކާ، އެމްޑީޕީގެ ކެންޑިޑޭޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ