އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތެއް ފަށައިފި

ހިއުމަން ރައިޓްސް ކޮމިޝަނުން ސްކޫލްތަކުގެ މެދުގައި އިންސާނީ ޙައްޤުތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުއިޒް މުބާރާތެއް ފަށައިފިއެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހު 24 އިން ޖުލައި 1 ގެ ނިޔަލަށް ސީއެޗްއެސްއީގެ ހޯލްގައެވެ.
އިއްޔެ ފެށުނު މިމުބާރާތުގައި ފުރަތަމަ މެޗުގައި ބައްދަލުކުރީ ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ތާޖުއްދީން ސްކޫލާއި، މުހިޔުއްދީން ސްކޫލެވެ. އަދި ތިންވަނަ މެޗުގައި ބައްދަލުކުރީ ހިރިޔާ ސްކޫލާއި އަހްމަދިއްޔާ ސްކޫލެވެ.
އެޗްއާރުސީއެމްއިން ބުނީ މިމުބާރާތް ހިންގުމުގެ މައިގަނޑު މަގުސަދުތަކަކީ ދަރިވަރުންގެ މެދުގައި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަންއިތުރު ކުރުމާއި އަދި އިންސާނީ ޙައްޤުތަކުގެ ތަފާތު ދާއިރާތަކުގެ މައުލޫމާތު މުއްސަނދިކުރުން ކަމަށެވެ.
މިގޮތުން، މިމުބާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި އިންސާނީ ހައްޤުތަކުގެ ތާރީޚާއި، އިންސާނީ ހައްޤުތަކާއި އިސްލާމްދީނާއި، ކުޑަކުދިންގެ ހައްޤުތާއި، އަންހެނުންގެ ހައްޤުތަކާއިއި، ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތަކާއި، ޞިއްޙަތާއި އުނގެނުމުގެ ހައްޤުތައް ހިމެނެއެވެ. މިއާއެކު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ތަފާތު ހައްޤުތަކުގެ މައުލޫމާތުވެސް މިމުބާރާތުން ދަރިވަރުންނަށް އެނގިގެންދާނެއެވެ.
ކޮމިޝަނުން ބުނީ އިންސާނީ ޙައްޤުތަކަށް ދަރިވަރުން ހޭލުންތެރިކުރުމުން އެކުދިންނަށް އަމިއްލަ ޙައްޤުތައް ދެނެގަނެ، އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް އަދި ރައްކާތެރިވުމަށާއި، ދަރިވަރުންގެ މެދުގައި އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުމާއެކު ސުލްހަވެރިކަމަށް ލޯބިޖެހި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުން ހަރުދަނާ ވެގެންދާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
މިމުބާރާތުގައި ޖުމްލަ 16 ސްކޫލަކުން ބައިވެރިވެއެވެ. މިސްކޫލްތަކުގެ ތެރޭގައި ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލާއި، މުހިޔުއްދީން ސްކޫލާއި، ހިރިޔާ ސްކޫލާއި، އަހްމަދިއްޔާ ސްކޫލާއި، ލާލެ ޔޫތް އިންޓަރނޭޝަނަލް ސްކޫލާއި މަދަރަސަތުލް އަރަބިއްޔަތުން އިސްލާމިއްޔާއާއި އިސްކަންދަރު ސްކޫލާއި، އިމާދުއްދީން ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، ޣިޔާސުއްދީން ސްކޫލާއި، ޤާޒީ ސްކޫލާއި، ދަރުމަވަންތަ ސްކޫލާއި، ގަލޮޅު މަދަރުސާއާއި މަޖީދިއްޔާ ސްކޫލް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ