ކާނަލް ނާޒިމް ވަނީ ފްރޭމް ކުރެވިފައިކަން، ލިބިފައިވާ ހެކިން ހާމަވޭ - މައުމޫން ހަމީދު

ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވަނީ ފްރޭމް ކުރެވިފައިކަން، ލިބިފައިވާ ހެކިން ހާމަވާ ކަމަށް ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދު މިގޮތަށް ވިދާޅުވީ މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ވަނީ ފުލުހުން ހަޤީޤަތް ހާމަކުރަން ފަސްޖެހުނު ނަމަވެސް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ކާނަލް ނާޒިމްވަނީ ފްރޭމް ކުރެވިފައިކަން ހާމަވާކަމަށެވެ.
ނާޒިމްގެ ދިފާއީ ވަކީލެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެ ވަޑައިގަތް މައުމޫން ހަމީދު މިގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ ރޭ ފުލުހުން ބޭއްވި ކުއްލި ނޫސް ކޮންފަރެންސެއްގައި، ނާޒިމްގެ ދިރިއުޅުއްވާ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން ހާމަކޮށްފައި ވަނިކޮށެވެ.
މި ކޮންފަރެންސްގައި ފުލުހުން ވިދާޅުވީ މާދަމާ މި މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށައި އަދި ކާނަލް ނާޒިމް ވަނީ ފްރޭމް ކުރެވިފައިތޯ ނުވަތަ ނޫންތޯ ނިންމާނީ ޝަރީއަތުން ކަމަށެވެ.
"ފްރޭމް ކުރެވިފަ ތޯ ނުވަތަ ނޫންތޯ އެއީ އަޅުގަނޑުމެން ނިންމާނެ ނިންމުމެއް ނޫން. ތަހްޤީޤް ކޮށްފަ މައްސަލަ ފޮނުވީމަ، އެ ޝަރުއީ ދާއިރާގެ ތެރޭގައި ނިންމަން ޖެހޭ ނިންމުމެއް، ނިންމަން ޖެހޭނީ" ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވިއެވެ.
ނަވާޒު އިތުރަށް ވިދާޅުވީ އެ ފިސްތޯލައިން ފެނުނު އެއް ޑީއެންއޭ އަދީބުގެ ޑީއެންއޭ އާއި ދިމާވި ނަމަވެސް ދެންހުރި ޕްރޮފައިލް ތަކުގެ ފޮރެންސިކް ތަހްލީލުތައް އަދި ނުނިމޭ ކަމަށެވެ. ދެން ހުރީ ދެމީހަކު އަތްލާފައިވާ ޑީއެންއޭ އެއްކަމަށް ނަވާޒު ވިދާޅުވިއެވެ.
ރޭ އިރާކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމްގެ ޤާނޫނީ ވަކީލު ހުސްނު ސުއޫދުވެސް ވަނީ ނާޒިމް ފްރޭމް ކުރެވިފައި ކަމަށް ވިދާޅުވެފައެވެ. އަދި ކާނަލް ނާޒިމްގެ ޤާނޫނީ ޓީމުން ކުރިންވެސް ވާނީ ނާޒިމަކީ ކުށްވެރިއެއް ނޫންކަމަށާއި އޭނާއަކީ އެއިރުގެ ނައިބު ރައީސް އަޙުމަދު އަދީބްއާއި އެއިރުގެ ސީޕީ ހުސައިން ވަހީދުގެ ރޭވުމަކުން ފްރޭމްކޮށްފައިވާ މީހެއް ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމްގެ ދިފާއީ ވަކީލުންގެ ޓީމުން ހާމަކޮށްފައިވެއެވެ.
ނާޒިމްގެ މައްޗަށް ދައުވާ އުފުލާ، ހުކުމް ކޮށްފައިވާ މައްސަލަ ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެކަށީގެންވާ ވަރަށް ތަހްޤީޤު ނުކޮށް ކަމަށްވާއިރު ކޯޓަށް ހެކި ހުށަހެޅުމުން އެކަން ސާބިތުވާނެކަމަށާއި، އެހެންކަމުން ކާނަލް ނާޒިމް ދޫކޮށްލަން ޖެހޭ ކަމަށް އެޓީމުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ