ފާދިއްޕޮޅު އަދަބީ ޢީދުގެ ރަންތަރި ސްކޫލަކަށް އޮޅުވެލިފުށި ސްކޫލް

ދިވެހި ބަހުގެ އެކެޑަމީ އިން ފާދިއްޕޮޅުގައި ބޭއްވި ފާދިއްޕޮޅު އަދަބީ އީދުގެ އެއްވަނަ ހޯދައި، ފާދިއްޕޮޅު އަދަބީ ޢީދުގެ ރަންތަރި ސްކޫލަކަށް އޮޅުވެލިފުށި ސްކޫލް ހޮވިއްޖެއެވެ.
އަދަބީ އީދުގައި ބޭއްވި އެކި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށާއި، އަދަބީ އީދު ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، އޮޅުވެލިފުށި ސްކޫލަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށްދެއްވީ މިރޭގެ ޝަރަފްވެރި މެހެމާން، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އަދަބީ އީދުގެ ރިހި ތަރި ސްކޫލަކަށް ހޮވުނީ ޅ އަތޮޅު ތައުލީމީ މަރުކަޒެވެ. މި އަދަބީ އީދުގެ ސުވާސާތަރި ސްކޫލަކަށް ހޮވުނީ ޅ އަތޮޅު މަދްރަސާއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ އަދަބީ އީދުގައި ބޭއްވި އެކިއެކި މުބާރާތްތަކުން ވަނަހޯދި ދަރިވަރުންނަށާއި ފަރާތްތަކަށްވެސް އިނާމާއި ހަނދާނީލިޔުން ދީފައެވެ.
ރައިވަރު ކިޔުމުގެ މުބާރާތުން އެއްވަނަ ދެދަރިވަރަކަށް ލިބުނެވެ. އެއީ  ޅ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިފާދާ ވިޝާދް އަދި އަތޮޅު މަދްރަސާގެ ދަރިވަރު ހިމްޔާން އިބްރާހިމްއަށެވެ. އަތު ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދީ ޅ އޮޅުވެލިފުށި ސްކޫލުގެ ދަރިވަރު ފަރުޒާނާ އަހުމަދެވެ. އާލަފުޒު ލިޔުމުގެ މުބާރާތުން އެއްވަނަ އޮޅުވެލިފުށި ސްކޫލުގެ ދަރިވަރު މަރިޔަމް ޝާމިލާ ހޯދި އިރު، އެއްދުވަހަކު އެއްދުވަހަކު އިނގޭ... މުބާރާތުން އެއްވަނަ ހޯދީ ޅ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރުވަރު އަހުމަދު ސުޖާއު އަލީއެވެ.
ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތުން އެއްވަނަ ސްކޫލަަށް ހޮވުނީ އަތޮޅު މަދްރަސާއެވެ. ތާރީހު ސުވާލު މުބާރާތުން އެއްވަނަ ހޯދާފައިވަނީވެސް ޅ އަތޮޅު މަދްރަސާއެވެ. އަދަބީ އީދުގެ ތެރެއިން ކުރިއަށް ގެންދިޔަ އާންމުންގެ ރައިވަރު ކިޔުމުގެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޅ ހިންނަވަރު ޝިޔާމާ އިބްރާހިމެވެ.
މިރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިންރާހިމް ވަނީ ދިވެހި އަދަބިއްޔާތުގެ މުއްސަނދި ކަމާއި، ބާރުދަގަ ކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ވާހަކަ ދައްކަވައިފައެވެ. ދިވެހި އަދަބިއްޔާތު ކުރިއަރުވައި އަންނަން އޮތް ޖީލާއި ހަމައަށް ދިވެހިބަހާއި އަދަބިއްޔާތު ފޯރުކޮށްދިނުމަށް ބަހުގެ އެކެޑަމީ އިން ކުރަމުން އަންނަ މަސައްކަތް މިނިސްޓަަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ ޅ އަތޮޅަކީ ގިނަ އަދަދެއްގެ އަދީބުންނާއި ބަހުގެ އިލްމުވެރިން އުފެދުނު އަތޮޅެއް ކަމަށާއި، ޚާއްސަކޮށް ޅ ނައިފަރަކީ ދިވެހި ބަހުގެ އުސްތާޒުން ގިނަ އަދަދަކަށް އެރަށަކުން އައިސްފައިވާ ރަށެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ޅ އަތޮޅުގައި މިފަދަ އަދަބީ އީދެއް ކޮންމެ އަހަރަކުވެސް ފާހަގަ ކުރާނެ ކަމުގެ އިޝަރާތެއް ސްކޫލުތަކުގެ ވެރިންނާއި އަތޮޅުގެ ވެރިންގެ ފަރާތުން ލިބިލައްވާފައިވާކަމަށެވެ. މިކަމުން ހާމަވެގެން ދިޔައީ، މިފަހަރު ޅ އަތޮޅުގައި ބޭއްވި އަދަބީ އީދުގެ މަޤްސަދު ވަރަށް ފުރިހަމައަށް ހާސިލްވެއްޖެކަން ކަމަށް އަޝްރަފް ވިދާޅުވިއެވެ.  އަދި މިކަމަށް ބަހުގެ އެކެޑަމީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަޝްރަފް ދެއްވިއެވެ.
"މި ފަހަހަރުގެ އަދަބީ އީދުގެ ތެރެއިން ފެނިގެން ދިޔަ ހަރަކާތްތައް ފަދަ ހަރަކާތްތަކެއް މީގެ ކުރިން ނުފެނޭ. މިއީ ޅ އަތޮޅުގައި، ކުރިން އޮތް އަދަބީ ވިންދު އަދިވެސް އޮތްކަމުގެ ހެތްކެއް."
މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ސްކޫލުތަކާއި ކައުންސިލުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އަޝްރަފް ގޮވައިލެއްވިއެވެ.
ފާދިއްޕޮޅު އަދަބީ އީދު ނިންމުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިވާއިރު، މިރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމްއާއި އެހެނިހެން އިއްޒަތްތެރިންނާއި އަދަބީ އީދުގެ ބައިވެރިންގެ ޝަރަފުގައި، ޚާއްސަ ފަރިއްކޮޅެއްވެސް މިރޭ އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ