މަޖިލިސް ރައީސްގެގޮތުގައި އިނަސް ދާއިރާގެ ހައްގުތައް ގެއްލިގެނެއް ނުދާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައިގެން ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ހިނގައިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކަރ" މިނަމުގައި ޕީއެސްއެމްއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ގެނެސްދިން ސުވާލާއި ޖަވާބުގެ ފުރަތަމަ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްއަށް މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭތީވެ އެރައްޔިތުން ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންގެ އަޑު އިއްވޭނެ ގޮތަކީ ކޮބައިތޯ އާއި އަދި އެމަގާމަކީ ވަކިން ވާދަކޮށްގެން ހޮވާ ދެމަގާމަކަށް ނުވާންވީ ކީއްވެގެންތޯ އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރަށް ވާއިރު އެމަނިކުފާނު މަޖިލިސް ރައީސްގެ ގޮތުގައި އިންނަވަން ނޫންގޮތަކަށް އެދާއިރާގެ މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ބަހުސްގައި ބައިވެރިނުވެވުނަސް ދާއިރާއެއްގެ މެމްބަރަކަށް މަޖިލީހުގެ ރިޔާސަތު ލިބޭގޮތަށް ފަހިވުމަކީ އެދާއިރާގެ ރައްޔިތުންނަށްވެސް ލިބޭ ފަހުރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ ގޮތުގައި އިންނަވައިގެންވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭ ކަމަށާ ވަކި މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައިގެން ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ހުރަހެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހާލު ބައްލަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ސަރުކާރުގެ ވުޒާރާއަކަށް ލިޔަންޖެހޭ ސިޓީއެއް ނުވަތަ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ދައްކަންޖެހުނު ކޮންމެ ވާހަކައެއްވެސް ދައްކަވާނެ ކަމަށެވެ.
ކޮންމެ ހަފްތާއެއްގައިވެސް އެމަނިކުފާނުގެ އޮފީހުގައި ދާއިރާގެ ރައްޔިތުންނާއި އެމަނިކުފަނު ބައްދަލުކުރައްވައެވެ.
އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްކާއި ގުޅޭގޮތުން އާންމު ރައްޔިތުން ކުރި ސުވާލްތަކަށްވެސް އެމަނިކުފަނު ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކަށް އެމަނިކުފާނު ވަނީ ތައުރީފް ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިމުނު ދައުރުގައި ކޮންމެ ދުވަހަކުވެސް 8 ގަޑިއިރަށްވުރެ ގިނައިރު މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. މިމަސައްކަތްތަކުގެ ތެރޭގައި މުހިންމު ބިލު ތަކެއްގެ މަސައްކަތްތައް ކޮށް ނިންމާލެވުނު ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ