އދގެ ނިންމުމަށް ގޮތް ކަނޑައަޅާނީ ސުޕްރީމް ކޯޓުން: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތުން ދޫކޮށްލުމަށްފަހު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދިވެހި ސަރުކާރަށް ގޮވާލާފައިވީނަމަވެސް ވޯކިންގ ގްރޫޕުން ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކުރާނެ ތޯ ނުވަތަ ނޫންތޯ ދެން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ހާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެ ތަމްސީލް ކުރައްވަން ނިއު ޔޯކަށް ވަޑައިގަތުމަށް ފަހު ރާއްޖެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ދުންޔާ ވިދާޅުވީ ނަޝީދަށް އިއްވާފައިވާ ހުުކުމްގައި އެއްވެސް ހަމައެއް ނެތްކަމަށާ ނަޝީދު ވަގުތުން ދޫކޮށްލުމަށް ވާކިން ގުރޫޕުން ގޮވާލި ނަމަވެސް ނަޝީދާއި ދެކޮޅަށް އުފުލުނީ ސީރިއަސް ދައުވާއެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ހުކުމްކުރީ ރާއްޖޭގައި އުފެދިފައިވާ ސައްޙަ ކޯޓަކުންކަމަށާ ކޯޓުން އިއްވި ހުކުމާއި އެއްގޮތަށް ޙުކުމް ތަންފީޒް ކުރެވެމުންދަނީވެސް ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. އަދި އދގެ ނިންމުމާއެކު ދެން އެކަމުގައި ސަރުކާރުން ޢަމަލްކުރާނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޝަރުއީ ކޯޓުތަކުގެ ނިންމުންތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަޝީދުގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ކޯޓުން އެ މައްސަލަ ނިންމާއިރު އދ.ގެ ވޯކިން ގްރޫޕުގެ ނިންމުމަށް ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އަދި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނަޝީދުގެ ގާނޫނީ ޓީމުން ކުރަމުންދާ މަސައްކަތް ކުށްވެރިކުރާކަމަށާ އެއީ މުޅި ގައުމާއި ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގެއްލުންދިނުމަށް ކުރާކަމެއްކަމަށެވެ. އަދި ނަޝީދުގެ ގާނޫނީ ޓީމުގެ މަސައްކަތް ފާހަގަކުރެވެނީ އަމިއްލަ އެދުން ބޮޑު އެންމެ ފަރުދަކަށްޓަކައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައިކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަޝީދު ވަގުތުން ދޫކޮށްލުމަށްފަހު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫޖީއޭޑީ) އިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ