އެޖެންޓުން ބަދަލުކޮށްގެން ވެސް ހަމައަގަށް ގޭސް ވިއްކާކަން ކަށަވަރުކުރާނަން: މައުމޫން

ރަށްރަށުގައި އެސްޓީއޯ ގޭސް ވިއްކާ އެޖެންޓުން ބަދަލުކުރަންޖެހޭނަމަ އެކަން ކޮށްގެންވެސް އެޖެންޓުން ގޭސް ވިއްކަނީ ހަމައަގަށްކަން ކަށަވަރު ކުރައްވާނެ ކަމަށް އެސްޓީއޯ ގޭހުން ބުނެފިއެވެ.
އެސްޓީއޯ ގޭސް ފުޅިއަކުން 10 ރުފިޔާ އަގުހެޔޮކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯ ގޭހުގެ މެޖޭނިންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫން ވިދާޅުވީ މިއަަހަރުގެ އެޕްރިލް މަހު ގޭސް ފުޅިއަކުން 15 ރުފިޔާ އަގުހެޔޮ ކުރެއްވެވުމަށްފަހު ޖޫންމަހުގެ 1 ވަނަ ދުވަސް، މިއަދުން ފެށިގެން އިތުރު 10 ރުފިޔާ އަގުހެޔޮ ކުރެއްވީ ރަމަޟާން މަހަކީ ގޭސް ބޭނުންކުރާ އަދަދު އިތުރުވެގެންދާނެ މަހަކަށް ވުމުން އެކަމަށް ލުޔެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.
މައުމޫން ވިދާޅުވީ ކަސްޓަމަރުންނަށްޓަކައި އެސްޓީއޯ ގޭހުން އަގުހެޔޮކުރުމުން އެކަމުގެ ފައިދާ ކަސްޓަމަރުންނަށް ލިބެންޖެހޭނެ ކަމަށެވެ. އަދި އެކަން ކަށަވަރުކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
އެސްޓީއޯ ގޭހުން ވަނީ މިއަހަރުގެ އެޕްރިލް މަހުން ފެށިގެން މިހައިތަނަށް ޢާންމުކޮށް ގޭގައި ބޭނުންކުރާ ގޭސް ފުޅިއަކުން 25 ރުފިޔާ އަގުހެޔޮކޮށްފައެވެ.
އެސްޓީއޯ އިން ގެންދަނީ ރާއްޖޭގެ އިތުރާއި ދެކުނުގައި ދެ ޕްލާންޓް ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ