ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙަށް ތާޢީދުކުރުމަށް ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަނުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ހުށަހަޅާފައިވާ އިސްލާހަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައި މިއަދު ފޮނުއްވި ސިޓީއަކާ ގުޅިިގެން ޕީޕީއެމާއި އެމްޑީއޭގެ ޕާލިމެންޓްރީ ގްރޫޕްގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ފަހު، މެންބަރުންގެ އިއްތިފާގުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޕީޖީ ގުރޫޕްގެ ބައްދަލްވުުމުގައި ނިންމާފައިވަނީ ބިލަށް ވޯޓްދިނުމަށް ތްރީލައިން ވިޕެއް ނެރުމަށެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް ޤާނޫން އަސާސީއަށް ހުށައަޅާފައިވާ އިސްލާޙަށް ތާޢީދުކުރުމަށް ސަރުކާރު ހިންގާ ކޯލިޝަނުން ނިންމާފައިވާއިރު އެ ބިލްގެ މަސައްކަތް ކޮމެޓީން ވަނީ ނިންމާފައެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ހަގު އުމުރަކީ 35 އަހަރު،،
ނަމަވެސް އެ މަގާމަށް ކުރިމަތިލާ ބޭފުޅެއްގެ އެންމެ ދޮށީ އުމުރެއް ގާނޫނުއަސާސީގައި ބުނެފައެއް ނުވެއެވެ.
ނަމަވެސް މެންބަރު މުހައްމަދު އިސްމާއިލް ހުށައަޅާފައިވާ އިސްލާޙްގައި ބުނެފައިވަނީ އުމުރުން ތިރީސް އަހަރާއި 65 ދަށުގެ ކޮންމެ މީހަކަށް ވެރިކަމަށް ކުރިމަތިލެވޭނެކަމަށެވެ.
މި އިސްލާހާއި ދެކޮޅު ހައްދަވާ ރައީސް މައުމޫން ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ގާނޫނު އަސާސީ އަށް ގެންނަ މިފަދަ އިސްލާހެއް ހުށަހަޅަން ވާނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. ނަމަވެސް ޕީޖީ ގްރޫޕުން މިރޭ މުލީއާގޭގައި ބޭއްވި ބައްދަލުވުމުގައި ނިންމީ އެއީ ކޮންމެހެން އެކަން ކުރަންޖެހޭ ގޮތް ނޫން ކަމަށާއި ޕީޖީ ގްރޫޕުން ބޭނުންވާ ގޮތަކަށް ވެސް ނިންމިދާނެ ކަމަށެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މަޖިލީސް މެންބަރު މުހައްމަދު އިސްމާޢީލް ހުށައެޅި މި އިސްލާޙަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އެ މަގާމަށް ގެނައުމުގެ ކުރެވެމުންދާ މަސައްކަތެއްކަމަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ.
މި އިސްލާޙް ފާސްވެއްޖެނަމަ ރައީސް މައުމޫނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމައްޗެއް ނުލެއްވޭނެއެވެ. ގާސިމް އިބްރާހިމް ވަނީ އިސްލާޙަށް ތާއީދުކުރައްވާނެކަމަށާ އަދި ރައީސްކަމަށްވެސް ދެން ކުރިމަތިނުލައްވާނެކަމަށް އިއުލާންކުރައްވާފައެވެ.
މައުމޫން ދެކޮޅު ހެއްދެވިނަމަވެސް ރައީސްކަމަށް ކުރިމަތިލެވޭ އިސްލާހަށް ތްރީލައިން ވިޕެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ