ކުރީގެ ޕީޖީ މުހުތާޒް ސުޕްރީމް ކޯޓަށް ހާޒިރުކޮށްދޭން ރައީސް ނަޝީދުގެ ވަކީލުން އެދިއްޖެ

ކުރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާކުރީ ސިޔާސީ ނުފޫޒުން ކަން ސާބިތުކުރުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ސުޕްރީމް ކޯޓަށް ހާޒިރުކޮށްދޭން ނަޝީދުގެ ވަކީލުން މިއަދު އެދިއްޖެއެވެ.
ނަޝީދުގެ ވަކީލުން އެގޮތަށް އެދުނީ އެ މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަން ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައެވެ.
މި މައްސަލަ ދައުލަތުން ހައި ކޯޓަށްވެސް ހުށަހެޅި އެހެން ނަމަވެސް އެ ކޯޓުން ނިންމީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެހެންވެ ހައި ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.
މިއަދުގެ އަޑުއެހުމުގައި ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްޗަށް ކުޑަ ދައުވާއެއް ކޮށްފައި ވަނިކޮށް އެ ދައުވާ އަނބުރާ ގެނެސް ކްރިމިނަލް ކޯޓުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިޔަސް އެއީ ގާނޫނީ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އެކަން އެގޮތަށް ކުރީ ސިޔާސީ ނުފޫޒު އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ މައްޗަށް އޮތުމުން ކަމަށާއި އެކަން ސާބިތުކުރަން ސުޕްރީމް ކޯޓަށް މުހުތާޒް ހާޒިރުކޮށްދޭން އެދިވަޑައިގަންނަވާކަމަށެވެ.
އަދި ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅަން ދައުވާ ފޯމާއި ލިޔުންތައް ހިފައިގެން އެ ކޯޓަށް ދިޔައީވެސް މުހުތާޒް އަމިއްލަ އަށް ކަމަށާއި، ނަޝީދު ހައްޔަރު ކުރުމަށް އަމުރަކަށް އެދުނީ ވެސް މުހުތާޒް އަމިއްލަ އަށް ކޯޓަށް ވަޑައިގެން ކަމަށެވެ.
އަދި އެގޮތަށް މީހަކު ހައްޔަރު ކުރުމުގެ އަމުރަށް އެދުމަކީ ޕީޖީ އަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.
ދައުލަތުން ސުޕުރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައިދޭން އެދިފައިވީނަމަވެސް އެ މައްސަލާގައި އިންސާފުވެރި ޝަރީއަތެއް ދެން ކުރެވޭނީ ސުޕްރީމް ކޯޓަށް ކަމަށް ނަޝީދުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
އޭގެ ސަބަބެއް ކަމަށް އެބޭފުޅުން ވިދާޅުވީ ނަޝީދުގެ މައްސަލަ ދަށު ކޯޓުގައި ބެލި ދެ ފަނޑިޔާރަކު ހައި ކޯޓުގައި ތިއްބެވުމާއި ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި ހައި ކޯޓުން މައުޟޫއީ ގޮތުން ގޮތްތަކެއް ނިންމާފައި އޮތުމެވެ.
ދެ ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ ދެން ބާއްވާ އަޑުއެހުމެއްގައި ވެސް ނަޝީދުގެ ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތު ދޭނެކަން އިއުލާން ކުރުމަށް ފަހުއެވެ.
ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ނަޝީދު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން ވެސް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އެހެން ނަމަވެސް އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ