ތިނަދޫގެ އަދި ތިނަދޫގެ ރައްޔިތުންގެ ތަރައްޤީއަށް އެއްވެސް ވަރަކަށް ހުރަހަކަށްވާކަށް ނެތިން ކަމަށާއި މެންބަރުކަމުގައި ހުރުމަކީ ތިނަދޫ ރައްޔިތުންގެ ތަރައްޤީއަށް އޮތް ހުރަހަކަށްވާނަމަ އަދި ރައްޔިތުން އެދޭނަމަ މިހާރުން މިހާރަށް ވެސް އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވިދާޅުވީ އޭނާއަކީ އެއްވެސް އިރަކު މެންބަރުކަމުން އާމްދަނީ ހޯއްދަވައިގެން ދިރިއުޅުއްވި ބޭނުންފުޅެއް ނޫން ކަމަށާއި މިހާރުވެސް އެފަދަ ބޭފުޅަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނޫން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުންނަށް ޚިދުމަތުގައި އަތް އަޅައިގެން މެންބަރުކަމުގައި ހުންނާކަށް. އަޅުގަނޑު މެންބަރަކަށް އައީ ތިނަދޫއަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުމަށް. ފާއިތުވި ދެއަހަރާބައިގެ ތެރޭގައި އެކަން ކުރަން މަސައްކަތްކުރެވުނުކަން ކަނޑައަޅާނީ ރައްޔިތުން."
ސައުދުﷲ ވިދާޅުވީ ތިނަދޫގެ ތަރައްޤީއަށް މިއަހަރު ގިނަ ަމަސައްކަތެއް ކުރެވުނު ކަމަށާއި ނަމަވެސް އަންނަ އަހަރަށް ބަޖެޓުކުރެވިފައިވަނީ ވަރަށް މަދު މިންވަރެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު އެއްވަރަށް މަޝްރޫއުތައް ކުރިއަށް ނުގެންދެވިދާނެ ކަމަށް ޤަބޫލުފުޅުވެސް ކުރައްވާ ކަމަށެވެ.
ސައުދުﷲ ވަނީ ކުއްލިކުއްލިއަށް މުއްސަނދިވާ މީހުން މުއްސަނދިވީ ސަބަބު ބެލޭނެ ގޮތް އޭސީސީއަށް ފަހިކޮށްދިނުމަށް ވެސް ގޮވާލައްވައިފައެވެ. އަދި އެފަދަ ކަންކަން ބެލޭނެ ގޮތެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައިވެސް ފާހަގަކުރައްވައިފައެވެ.
ތިނަދޫގެ ތަރައްޤީއަށް ހުރަހަކަށްވާކަށް ނެތިން- ރައްޔިތުން އެދިއްޖެ ނަމަ އިސްތިއުފާދޭން ތައްޔާރު: ސައުދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ