މަސްތުވާތަކެއްޗާއެކު މީހަކު މާވަށުން ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކަކާއެކު މީހަކު ލ. މާވަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. މާވަށު ފެރީއަކުން މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހޮނިހިރު ދުވަހުގެ 17:40 ހާއިރުއެވެ.
މި ޒުވާނާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި, ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ފަޓުލޫނު ޖީބުން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. މަވަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުމުންވަނީ ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ