މަހިބަދޫގެ މައްޗަށް ކުރި ހޯދާ ނިއު އަނެއްކާވެސް ލީގުގެ އެއްވަނައަށް

0-4 ގެ ނަތީޖާއަކުން މަހިބަދޫ ސ.ކ ގެ މައްޗަށް ކުރި ހޯދާ ނިއުރޭޑިއަންޓް ސ.ކ އަނެއްކާވެސް ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ނިއު އެއްވަނައިގައި އޮތީ 9 ޕޮއިންޓާއެކީގަ އެވެ. ހަމަ މިއަދަދަށް ދެވަނައިގައި އޮތް އީގަލްސް އަށް ވެސް ޕޮއިންޓް ލިބޭއިރު ނިއުއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މިރޭގެ މެޗުން ބަލިވި މަހިބަދޫ އޮތީ 3 ޕޮއިންޓާއެކީ ލީގުގެ 5 ވަނައިގަ އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލް ނިއުއަށް މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ނިއުއަށް ވަނީ މެޗުގެ ލީޑް ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ނިއުގެ ދެވަނަ ގޯލް މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ 58 ވަނަ މިނެޓްގައި މިނެޓްގައި މަހިބަދޫއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް އެޓީމުގެ ހުސެއިން ނިޔާޒް (ބޮކުރީ) ކުރިއަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަޑިމަތިން ބޭރަށެވެ.
ނިއުގެ ތިންވަނަ ގޯލް މެޗުގެ 64 ވަނަ މިނެޓްގައި އެޓީމުގެ ފުލްބެކް މުހައްމަދު ރަޝީދު (ހޮކޭ) ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ގޯލް މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އަލީ ފާސިރު (ސެންޓޭ) އެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ އޭވައިއެލް އާއި ވެލެންސިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ