ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭން ފާސްކޮށްފި

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ 2016 އަދި 2017 ވަނަ އަހަރުގެ އެކްޝަން ޕްލޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސް ކުރައްވައިފި އެވެ.
2016 އަދި 2017 ވަނަ އަހަރުގެ ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭން ފާސްކުރައްވައިފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ދެ އަހަރުގެ މުއްދަތަކަށް ޝަރުއީ ދާއިރާއިން ކަނޑައެޅި އެކްޝަން ޕްލޭނުގައި ޝަރުއީ ދާއިރާގެ ތަރައްގީގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ފޯކަސް ކުރާނެ މައިގަނޑު ހަތަރު ދާއިރާއެއް ބަޔާން ކޮށްފައިވެ އެވެ.
އެގޮތުން ހިމެނޭ ދާއިރާތަކަކީ ރައްޔިތުންނަށް އަދުލުގެ ނިޒާމަށް ފަސޭހައިން ވާސިލު ވެވޭނެ އަދި ފަސޭހައިން އަދުލު އިންސާފުގެ ހައްގު ހޯދޭނެ މަގުފަހި ކޮށްދިނުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރީއަތް ކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިކޮށް އެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރުއީ ދާއިރާ ޖަވާބުދާރީކުރުވުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން ރައްކާތެރިކޮށް ކަށަވަރުކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޖިނާއީ އަދުލުގެ ނިޒާމުގައި ޝާމިލުވާ އެކިއެކި މުއައްސަސާތަކުގެ ގުޅުމާއި އެއްބާރުލުން ވަރުގަދަ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އެވެ.
ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭނުގައި ހިމެނޭ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.
މި ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ