ޕަޓީގެ ޒައީމްގެ މަގާމަކީ ސިޔާސީ މަގާމެއް ކަމުން، ކުރިއަށް އޮތް ތަނުގައިވެސް ސިޔާސީ ހަރަކާތްތަކުން ފެނިގެންދާނެ: ރައީސް މައުމޫން

19:00ޕާޓީގެ ޒައީމްގެ މަގާމަކީ ސިޔާސީ މަގާމެއް ކަމަށާއި ކުރިއަށް ތަނުގައި ވެސް ސިޔާސީ އެކިއެކި ހަރަކާތްތަކުން ފެނިވަޑައިގަންނަވާނެ ކަމަށް ޑީއާރްޕީގެ ސިޔާސީ ޒައާމަތުން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.ރައީސް މައުމޫން މިހެން ވިދާޅުވީ ޑީއާރުޕީގެ ޒައާމަތު، އާ ދައުރަށް ހޮވުނު ލީޑަޝިޕާ ހަވާލުކުރުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ރައީސް މައުމޫންގެ ވަދާއީ ވާހަކަފުޅު ކަމަށް ވާދަވެރި ބައެއް ފާރާތްތަކުން ބުނެފައިވާތީ އެކަމާ ގުޅިގެން ސަންއެފްއެމަށް މިއަދު ދެއްވި ހާއްސަ އިންޓަވިއެއްގަ އެވެ.ރައީސް މައުމޫންގެ ވާހަކަފުޅުގައި ރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ނުވަތަ ދެއްވި ހިތާބަކީ ވަދާއީ ވާހަކަފުޅު ނޫން ކަމުގައި ވިދާޅުވެ، ރައީސް މައުމޫން ވިދާޅުވީ ކުރިން ޑީއާރުޕީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޕާޓީގެ ޒައީމަކީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބްގައި ވެސް ކުރިމަތިލާ މީހާ ކަމަށެވެ. ނަމަވެސް މިހާރު ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލާ ގުޅިގެން އެކަންތައް ބަދަލުވެއްޖެ ކަމަށާއި މިހާރު އެމީހަކީ އެޕާޓީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް ޕާޓީގެ ޒައީމްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ ކަންތައްތައް ކުރުމުގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމަށާއި އޭގެ މާނައަކީ އެމަނިކުފާނު ސިޔާސީ ހަޔާތުން ވަކިވެވަޑައިގަތީ ނޫން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ޕާޓީއަކީ ސިޔާސީ ޕާޓީއެއް ކަމުން ޕާޓީގެ ޒައީމް ކަމުގައި ހުންނަ މީހަކީ ވެސް ސިޔާސީ މީހެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.ރޭގަ އޮތް ޑީއާރުޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބް ކާމިޔާބު ކުރުމަކީ ޑީއާރުޕީގެ މައްޗަށް ވާޖިބެއް ކަމުގައި ރައީސް މައުމޫން ވިދާޅުވެފައިވާ ވިދާޅުވުމާ ގުޅިގެން އެއިންތިޙާބުގެ ކެންޕޭން ހަރާކްތަކުން އެމަނިކުފާނު ފެނިގެންދާނެތޯ ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، ޕާޓީގެ ޒައީމްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގެންނަވާ މަސްއޫލިއްޔަތުގެ ސަބަބުން ޕާޓީ ޕްރޮމޯޓްކުރުމާއި ޕާޓީއަށް ތާއީދު ހޯދުމުގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ޕާޓީއަށް ތާއީދު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އެސްއެމްއެސްއެއް ލިބިވަޑައިގެންވި ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދާ ދެމެދު އެސްއެމްއެސްގެ ޒަރީއާ އިންނާއި ފޯނުން ވެސް ދޭތެރެދޭތެރެއިން ވާހަކަދެކެވޭ ކަމަށެވެ. އެގޮތުން ރޭ ވެސް ރައީސް ނަޝީދު އެމަނިކުފާނަށް ފޯނުން ގުޅުއްވަން އުޅުއްވި ކަމަށާއި ނުގުޅުމުން، އެސްއެމްއެސްއެއް ކުރެއްވި ކަމަށާއި އެ އެސް އެމްއެސްގެ ޖަވާބުވެސް ދެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.އިތުރުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކަމަށް ނަޝީދު އިންތިހާބްވެވަޑައިގަތުމާ ގުޅިގެން ރައީސް މައުމޫނާއި ރައީސް ނަޝީދު އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ދެ ބޭފުޅުން އެކުގައި ނުފެންނަނީ ކީއްވެތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެކަހަލަ މުނާސަބަތެއް ދިމާވެއްޖެނަމަ ފެންނާނެ ކަމަށާއި އަދި ރައީސް ނަޝީދު ބޭނުންފުޅުވެއްޖެނަމަ ރައީސް ނަޝީދާ ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ