މަދަނީ އިޖްރާތުގެ ޤާނޫނެއް ނެތުން- ބޭންކްތަކާއި ޝަރުޢީ ނިޒާމާ ދެމެދު އެޅިފައިވާ "ތަޅެއް" – ރައީސް ނަޝީދު

މަދަނީ އިޖްރާތުގެ ޤާނޫނެއް ނެތުމަކީ ވިޔަފާރީގެ މުޢާމަލާތްތައް ހިންމުގައި ބޭންކްތަކާއި ޝަރުޢީ ނިޒާމާ ދެމެދު އެޅިފައިވާ "ތަޅެއް"  ނުވަތަ ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝިދު މިހެން ވިދާޅުވީ މަދަނީ އިޖްރާތުގެ ބިލް ފުރަތަމަ ފަހަރަށް މަޖިލީހަށް ހުށަހެޅި އިބްތިދާއީ ބަހުސް ފެށްޓެވުމުގެ ކުރިން ދެކެވި ވާހަކަފުޅުގަގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ މަދަނީ އިޖްރާޢަތުބެ ބިލްގެ އިބްތިދާއީ ބަހުސް ނިންމަވައި މަޖިލީހަށް ބިލް ބަލައިގެންފައެވެ.
ރައީސް ނަޝިދު ވިދާޅުވީ މަދަނީ އިޖުރާއަތުގެ ޤާނޫނެއް ނެތުމުގެ އިތުރުން ޝަރީޙަ ބަސްތަކަކުން ލިޔެފައިވާ މަދަނީ އިޖްރާތާބެހޭ ޤަވާޢިދެއް ވެސް އަދި ހަމަތަކެއް ވެސް ރާއްޖޭގައި މިހާތަނަށް ނެތްކަމަށެވެ. ބައިނަލްއަޤްވާމީ ބެސްޓްޕްރެކްޓިސްއާ އެއްހަމައިގައި މަދަނީ އިޖްރާތުގެ ކަންކަން ނެތުމުން ވިޔަފާރި މުޢާމަލާތްތައް، ޚާއްޞަކޮށް ބޭންކު މުޢާމަލާތްތަކަށް ވަރަށް ބޮޑެތި ހީނަރުކަމާއި ގެއްލުން ލިބެމުންދާކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ތަރައްޤީގެ ދުވެލި ހުއްޓިފައި ނުވަތަ މަޑުޖެހިފައިވާ ސަބަބަކީ ވެސް ހަރުދަނާ މަދަނީ އިޖުރާއަތުގެ ޤާނޫނެއް ނުވަތަ އުޞޫލުތަކެއް ނެތުން ކަމަށް ވަރަށް ގިނަ ފަރާތްތަކުން ދެކޭ ކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ތަރައްޤީގެ ދުވެލި މަޑުޖެހިފައި ވަނީވެސް  ބޭންކްތަކާއި ޝަރުޢީ ނިޒާމާ ދެމެދު އެޅިފައިވާ "ތަޅު"  ނުވަތަ ހުރަހުގެ ސަބަބުން ކަމަށް މަޖިލީހުހެ ރައީސް ފާހަގަ ކުރެއްވިއެވެ.
" އާއްމުކޮށް ރާއްޖެފަދަ މެދު އާމްދަނީއެއްގެ ޤައުމެއް އުފެއްދުންތެރިކަން 12،11،10 އިންސައްތައިގައި އެބަ ހިފެހެއްޓޭ، ބައެއް ގިނަ ޤައުމުތައް، އިންޑިއާ އެބަގެންގުޅޭ 10 އިންސައްތައިގެ މަތީގައި. އެއީ ރާއްޖެއަށް ވެސް ދެވިދާނެ ހިސާބެއްކަމަށް ޤަބޫލުކުރެވޭ. ހަމަގައިމުވެސް އެޖެންޑާ 19 އާއި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތައް، މި ދެންނެވި ހަމަތައް ޤަބޫލުކުރޭ. މަދަނީ އިޖުރާޢަތުގެ ޤާނޫނެއް ތަޢާރަފުވެ، އެޤާނޫނަށް ޢަމަލުކުރާން ފެށުމުން، މިތަޅުތަކުން އަޅުގަނޑުމެންނަށް ނެއްޓުމަށް ފަސޭހަވެގެންދާނެ" ރައީސް ނަޝިދު ވިދާޅުވިއެވެ.
ބަދަނީ އިޖްރާތުގެ ޤާނޫނުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބިލް ހުށަހެޅުއްވި ކެލާދާއިރާގެ އެމެޑީޕީ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ މަދަނީ އިޖްރާޢަތުގެ ބިލަކީ ރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް މިހާތަނަށް ދަތިވެފައިވާ ދަތިވުންތަކަށް ޙައްލެއް ލިބިގެންދާނެ ބިލެއްކަމަށެވެ. މަދަނީ އިޖުރާތުގެ ބިލަކީ ބަދަނީ ޢަދުލުގެ ނިޒާމުގައި އުފެދިފައިއޮތް ހުސްކަން ފޫބައްދައިދޭނެ ބިލެއްކަންވެސް މެމްބަރ ޝަރީފް ފާހަގަ ކުރެއްވިއެވެ.
ބިލްގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި އެކިބާވަތުގެ މަދަނީ މައްސަލަތައް ކޯޓަ ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅައި ފައިވެއެވެ. މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ވެސް ބިލްގައި ވަނީ ކަނޑައަޅައިފައިވެއެވެ. މައްސަލަތަކުގެ މުހިންމުކަމުގެ މައްޗަށްބަލައި، ތިން ޓްރެކަށް ބަހާލައިގެން މައްސަލަތައް ކުރިއަށް ގެންދާނެ އިޖުރާއަތުތަކާއި އިޚްތިލާފެއްނުވާ މައްސަލަތަކުގައި ޚާއްޞަ އުޞޫލަކުން ގޮތެއް ނިންމޭނެ ގޮތް ކަނޑައެޅޭނެ ގޮތްވެސް ބިލުގައި ކަނޑައަޅައިފައި ވެއެވެ. ޣައިރު ޙާޒިރުގައި ޙުކުމް އިއްވޭނެ ގޮތާއި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަތަކުގައި ޙުކުމް ކުރެވޭނެ އުޞޫލުތައް ވެސް ބިލުގައި ކަނޑައަޅައިފައެވެ.
މަދަނީ އިޖްރާޢަތުގެ ބިލަކީ ކީ 280 ޞަފްޙާގެ މައްޗަށް އެކުލެވޭ ވަރަށް ބޮޑު ބިލެވެ. ބިލްގެ ބޮޑުކަން ފާހަގަ ކުރައްވާ މަޖިލީހުން ބިލާމެދު ގޮތެއް ނިނަމެވުމުގެ ކުރިން މެމްބަރުން ރަނގަޅަށް ބިލް ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މެމްބަރުންގެ ކިބައިން އެނދިވަޑައިގެންނެވިއެވެ. މަދަނީ މައްސަލަތައް ބަލަމުން އަންނަނީ ޤަވާއިދެއްގެ ދަށުންނެވެ. މަދަނީ އިޖްރާޢަތުގެ ބިލް ތަސްދީޤްކޮށް ޤާނޫނަކަށް ވުމަށްފަހު ޢަމަލުކުރުމަށް ހަމަސް ދުވަހުގެ މުއްދަތެއް ބިލުގައި ކަނޑައަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ