އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ކުށެއް ސާބިތުވެ، ޙައްދުގެ ހުކުމެއް ދަށު ކޯޓުން އިއްވައިފިނަމަ، ޙުކުމް ރައްދުވާ ފަރާތުން އެ ހުކުމް އިސްތިއުނާފުނުކޮށްފިނަމަ، ޙައްދުގެ ހުކުމް ތަންފީޒުކުރަންވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ. މި ނިންމުމާއެކު ޙައްދުގެ ޙުކުމްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހަޅަން ނުޖެހޭނެއެވެ. 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ޤިޞާޞާއި، ޙައްދުތަކާއި ތަޢުޒީރީ އަދަބުތައް ކަނޑައެޅޭ މައްސަލަތަކުގައި އެ ޙުކުމްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅުން ލާޒިމުކުރިއެވެ. އެއީ ޤާނޫނުލް ޢުޤޫބާތުގެ 1،205 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން އިސްލާމީ ޝަރީޢަތުގައި ޙައްދާއި ޤިޞާޞްގެ އަދަބު ކަނޑައަޅާފައިވާ މައްސަލަތައް ސާބިތުވުމަށްފަހު، އެ ކުށްތަކުގެ އަދަބު ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުން ނިންމައިގެން ކަމުގައި ބުނެފައިވާތީއެވެ. މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމެއްގައި އެ ކޯޓުން ނިންމާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 1،205 ވަނަ މާއްދާގެ ބޭނުމަކީ އިސްތިއުނާފުގެ މަރުހަލާ ނުނިމެނީސް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤިޞާޞާއި ޙައްދުގެ ޢުޤޫބާތް ތަންފީޒުނުކުރާކަން ކަށަވަރުކުރުން ކަމުގައެވެ. އެއީ މިފަދަ ޢުޤޫބާތްތަކަކީ އިޢަދަނުކުރެވޭނެ ޢުޤޫބާތްތަކެއް ކަމުގައިވާތީ ކަމުގައިވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ޤިޞާޞްގެ މައްސަލަތަކާ ޚިލާފަށް ޙައްދުގެ މައްސަލަތަކުގައި ދަށު ކޯޓުން އިއްވާ ޙުކުމް ޙުކުމް ރައްދުވާ ފަރާތުން އިސްތިއުނާފުނުކުރިނަމަ، އެ ޙުކުމަކީ ނިހާއީ ޙުކުމަށް ވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމިއެވެ. އެހެންނަމަވެސް ޤިޞާޞުގެ މައްސަލަތަކުގައި އިއްވާ ޙުކުމް ޞައްޙަކަން ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމުގައިވެސް އެ ޙުކުމުގައި ބުނެފައިވެއެވެ. އެފަދައިން ކޯޓުން ނިންމީ ޤާނޫނުލް ޢުޤޫބާތުގެ 1،204 ވަނަ މާއްދާއާ ހަވާލާދީއެވެ. އެ މާއްދާގައި ޤިޞާޞުގެ ޙުކުމް އިއްވާ ކޮންމެ މައްސަލައެއްވެސް މަތީ ކޯޓުތަކަށް ހުށަހަޅަން ލާޒިމުކޮށްފައިވާ ކަމުގައި ސުޕްރީމް ކޯޓުން ބުންޏެވެ. ހަމައެހެންމެ ސުޕްރީމް ކޯޓަށް އިސްތިއުނާފީ މައްސަލައިގެ ގޮތުގައި ބެލޭނެ ކަމަށް ކޯޓުތަކާ ބެހޭ ޤާނޫނުގައި ބުނެފައިވަނީ، ޤާނޫނީ އުޞޫލަކާ ޚިލާފުވާ ނުވަތަ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއް އޮތް ކަމުގައި ފާހަގަކޮށް އިސްތިއުނާފުކުރާ މައްސަލަތައް ކަމަށާއި، މިއަދު ކޯޓަށް ހުށަހެޅި މައްސަލައަކީ އެފަދަ މައްސަލައަކަށްނުވާތީ އެ މައްސަލަ ބެލުމުގެ އިޚުތިޞާޞު ކޯޓަށް ނޯންނާނެ ކަމުގައި ސުޕްރީމް ކޯޓުން މިއަދު ނިންމިއެވެ. މިއަދުގެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޙުސްނުއްސުޢޫދެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަލީ ރަޝީދާއި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަމިއްލައަށް އިސްތިއުނާފުނުކުރާނަމަ ޙައްދުގެ ހުކުމްތައް ތަންފީޒުކުރަންޖެހޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ