މިވަގުތު އެންމެންވެސް އެންމެ ބޮޑަށް ބޭނުވެފައި ތިބީ ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށްލުއި ލިބި މިނިވަންކަމާއެކު ރަށްރަށް ދަތުރުކުރެވޭނެ ދުވަހަކަށެވެ. އެދުވަސް ދެކެން އެންމެންވެސް ބޭނުންވާއިރު އެކަން ކާމިޔާބުކުރުމަށް މަސައްކައްވެސް އެންމެ ކުރަން އެބަޖެހެއެވެ.
ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ވެރިރަށް މާލެއިން ފެނި މާލެ ފުރަބަންދުކުރުމާއި ގުޅިގެން އެތައް ބަޔަކަށް ނުތަނަވަސްކަން ކުރިމަތިވިއެވެ. ސިއްޙީ ފަރުވާއަށް ހުރަސްއެޅި ވިޔަފާރިތައް ހުއްޓުމަކަށް އައިއިރު ދިރިއުޅުން އޮތީ ހިތްދަތިކަމެއްގެ ތެރޭގައެވެ. ދިރިއުޅުމަށް އައި ބަަދަލުތަކާއި އެކު އެތައް ބަޔަކު ބޭނުންވީ އެނބުރި އެމީހުންގެ އުފަން ވަޒަނަށް ދާށެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު އަމިއްލަ ޢާއިލާ ގާތަށް ނުދެވި ތިބި އެތައް ބަޔަކު އަދިވެސް މާލޭގައި އެބަތިއްބެވެ. އަމިއްލަ ދަރިންގާތަށް ނުދެވިފައިތިބި އެތައް ބައްޕައިންނެއް އެބަތިއްބެވެ.
މިއީ ހިތްދަތި އިހުސާސެކެވެ. މިއީ އެއްގޮތަކަށްވެސް ފަސޭހަވެގެން ކުރާކަމެއް ނޫންކަމުގައި ތަކުރާރުކޮށް އެޗްޕީއޭއިން އަންނަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް އަމިއްލަ ޢާއިލާއާއި މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް މިކަން މިގޮތަށް ކުރަމުން އަންނަ އެތައް ބަޔަކު އެބަތިއްބެވެ. ހިތުގެ އެންމެ ފުންމިނުން މިފަރާތްތަކަށް ޝުކުރެވެ. އެހެންނަމަވެސް ހިތާމައަކީ އެންމެން އެއް ރޫޙެއްގައި ޙާސިލުކުރަން މިއުޅޭ ލަނޑުދަނޑިއަށް ވާސިލުވުމަށް ބައެއް މީހުންގެ ސަބަބުން ހުރަސްތަކެއް އެޅެމުން އަންނާތީއެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ ބައެއް ފަރާތްތަކުން އަދިވެސް ރޯގާގެ ޢަލާމާތަކާއެކުވެސް އޮފީހަށް ނުކުންނަކަމަށާއި ފްލޫ ކުލިނިކަށް ނުގޮސް ތިބޭކަން ފާހަގަކުރެވޭކަމަށެވެ. އަދި މިއީ ނުރައްކާތެރިކަން އޮތްކަމެއްގެ ގޮތުގައި ޑރ.ނަޒްލާ ވަނީ ފާހަގަ ކުރައްވައި އިންޒާރު ކުރައްވާފައެވެ. ބަލީގެ ކްލަސްޓަރތައް ފެނުނު ބައެއް ތަންތަނުން މިމަންޒަރު ފެނިފައިވާކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
" ބައެއް ފަރާތްތަކުން އަދިވެސް އެބަ ބުނޭ ކޮންޓެކްޓް ޓްރޭސިންގަ ހަނދާނެއް ނެތޭ ދިމާވި މީހުން ނުވަތަ ދިމާ ނުވެއޭ. ގޭގައި އެތައް ބަޔަކު އުޅޭއިރު އަދި އޮފީހަށް ނުކުންނައިރު އެއްނެ ދެތިން މީހުންނާ ދިމާވުން އެއީ ޤަބޫލުކުރެވޭނެކަމެއް ނޫން." ޑރ ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ގިނަ ބަޔަކު ރަށްރަށަށް ކަރަންޓީން ނުވެ ދާން ބޭނުންވާއިރު ބަލީގެ ނުރައްކާތެރިކަން ވަޒަންކޮށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން ނޫނީ އެދުވަސް އަވަހަކަށް ނާންނާނެކަމަށެވެ. ބައްޔަށްވުރެ ކުރިއެރޭނީ ބަލި ޖެހިފައިތިބ މީހުން ދެނެގަނެވި އެކަހެރިކުރިވިގެންކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ތެދުމަޢުލޫމާތުދީ އަވަހަށް މިކަމުން ސަލާމަތްވެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ. ހުމާ ރޯގާގެ އަލާމާތެއް ހުރިނަމަ ފަރުދީ ޒިންމާ ނަގައި މީހުން އެއްވާ ތަންތަނަށް ނުގޮސް ގޭގައި އެކަހެރިވުމަށް އަދި ފްލޫ ކްލިނިކަށް ދެއްކުމަށް އެޗްއީއޯސީން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.
ކަރަންޓީން ނުވާ ގޮތަށް ރަށަށް ދެވޭނެ ހާލަތު އަންނާނީ ފަރުދީޒިންމާ އުފުލައިގެން: ޑރ.ނަޒްލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ