ައަމިއްލަ ދަރިންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރުމަށް ގޭގައި ހިންގި 'މަމާސް ސްކޫލް' ވަރަށް ކާމިޔާބު

ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދުވުމުން ދަރިވަރުންނާއި މުދައްރިސުންވެސް ގޭގައި މަޑުކުރަންޖެހި ކުރާނެ މާބޮޑު ކަމެއްނެތި ފޫހިވުމުގެ ސަބަބުން ކުޑަކުދިންގެ ހިތްހަމަޖައްސައިދިނުމަށް އެންމެ ގިނަ މީހުން ބޭނުންކުރަން ފެށީ ޓީވީއާއި މޮބައިލް ފޯނުތަކެވެ. އެންމެ ބާރުބޮޑުވީ އިންޓަރނެޓަށެވެ. ކުޑަކުދިން ގޭތެރޭގައި ގިނަވަގުތު ހޭދަކުރާއިރު ބެލެނިވެރިންނަށް ފަސޭހައަކަށްޓަކައި އެ ވަޞީލަތްތައް ހުރިހާ ގެއެއްގައިހެން އައީ ބޭނުން ކުރެވެމުންނެވެ.
 
ނަމަވެސް މެލޭޝިޔާގެ ޕަހަންގް ސްޓޭޓްގައި ދިރިއުޅޭ އާޢިލާއަކުން މިކަމުގައި އެޅީ މުޅިން ތަފާތު ފިޔަވަޅެކެވެ. ދާދިވަރުކޮށް ކިޔަވައިދިނުމަކީ ޖިސްމާނީ ގޮތުން ކިލާސްތަކަށް ދަރިވަރުން ޙާޟިރުވެގެން ކުރިއަށް ގެންދާ ފިލާވަޅުތަކަށްވުރެ ތަފާތު ކަމެއްކަމަށްވާތީ، އެންމެ އެކަށީގެން ނުވެދާނެކަމަށް 'ސިއްތި ނޫރް އަޒޫރާ' އަށް ޤަބޫލް ކުރެވުނެވެ. ސިއްތިއަކީ ޓީޗަރެކެވެ. އޭނާގެ ދަރިންނަށް ހަމައެކަނި އޮންލައިންކޮށް ކިޔަވައިދީގެން ފަރުޖައްސާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ޤަބޫލްކުރި ގޮތުގައި ހަމައެކަނި އޮންލައިން ކްލާސްތަކަކުން ދަރިވަރުންނަށް އެންމެ ބޭނުންވާ މިންވަރަށް ފިލާވަޅުތައް ބުނެއެއް ނުދެވެއެވެ.
 
އެހެންކަމުން ސިއްތި އޭނާގެ ގޭގައި އޭނާގެ ދަރިންނަށް ކްލާހެއް ތައްޔާރުކޮށް އެ ކްލާހުގައި ކިޔަވައިދޭނެ ތާވަލެއް ތައްޔާރުކޮށް ކިޔަވައިދޭން ފެށިއެވެ. އޭނާގެ ތިން ދަރިންނަށް ކިޔަވައިދޭން ގޭގައި ތައްޔާރުކުރި ކްލާސްރޫމް ތައްޔާރު ކުރީ ގޭގެ ނިދާ ކޮޓަރިއެއްގައެވެ. ކްލާހުގެ ތާވަލުގައި ކިޔެވުމުގެ އިތުރުން ގޭގައި ތަފާތު މަސައްކަތް ކުރުމާއި، ނަމާދު ކުރުމާއި، ޤުރުޢާން ކިޔެވުންފަދަ ދީނީ ކަންކަމަށްވެސް ތާވަލުގައި ގަޑި ކަނޑައަޅާފައިވެއެވެ. ކުދިން ޝަޢުޤުވެރިވާ އެކިއެކި ޙަރަކާތްތައްވެސް ގޭތެރޭގައި ހިންގޭ ގޮތަށް ސިއްތިވަނީ އޭނާ 'މަމާސް ސްކޫލް' ގެ ނަމުގައި ތައްޔާރުކުރި ކްލާހުގެ ތާވަލް ރާވާފައެވެ.
 
ސިއްތިގެ ރަސްމީ ވަޒީފާއަކީ ޓީޗަރު ކަމުގެ ވަޒީފާއެވެ. އެހެންކަމުން ފުރަބަންދުގެ ދުވަސްވަރު އޭނާވެސް އޭނާގެ ދަރިވަރުންނަށް ދާދިވަރުކޮށް ކިލާސް ހިންގަން ޖެހެއެވެ. އޭނާއަށް ޢާމްދަނީ ލިބޭ ވަޞީލަތަކީ އެއީކަމުން އެކަމަށް އޭނާ ވަރަށް ބޮޑަށް އިސްކަންދިނެވެ. އޭނާ ސްކޫލް ކުދިންނަށް ކިޔަވައިދޭ ގަޑިތަކާއި، އޭނާގެ ދަރިންނަށް އެކުދިންގެ ސްކޫލްތަކުން ކުރިއަށް ގެންދާ ދާދިވަރު ކްލާސްތަކާ ފުށުނާރާގޮތަށް އޭނާ ގޭގައި ހިންގި 'މަމާސް ސްކޫލް' އަކީ ވަރަށް ކާމިޔާބު ސްކޫލް ސިސްޓަމެއް ކަމަށް އޭނާ ބުނެއެވެ. އެއީ ހަމައެކަނި ފޮތްތަކުގައި ހުންނަ އެއްޗެއް ކިޔަވައި ދަސްކުރުމުގެ އިތުރުން ޢާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ކަންކަންވެސް ޢަމަލީ ތަޖުރިބާއާއެކު ދަސްކޮށްދެވޭތީ އެވެ. ކޮންމެއަކަސް 'މަމާސް ސްކޫލް' ގެ ސަބަބުން އޭނާގެ ދަރިން ޓީވީއާއި މޮބައިލް ފޯންފަދަ ވަޞީލަތްތަކާއެކު ހޭދަކުރާ ވަގުތު ވަރަށްބޮޑަށް ވަނީ މަދުކުރެވިފައެވެ. އަދި ބޭނުންތެރި ގޮތެއްގައި އެވަގުތުތައް ހޭދަކުރެވިފައިވާ ކަމުގެ ހިތްހަމަޖެހުމާއެކު ސިއްތި މިއަދުވެސް ހުރީ ވަރަށް އުފަލުންނެވެ. މިއީ ރާއްޖޭގައިވެސް ގޭގޭގައި ކުރެވިދާނެ ފަސޭހަ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ