މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލަރޓް ނެރިފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:00ން ފެށިގެން ހެނދުނު 10:00އާ ހަމައަށެވެ. ސެޓްލައިޓް ފޮޓޯތައް ދައްކާ ގޮތުން ރާއްޖޭގެ މަތީގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ ވަނީ އުފެދިފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ 8:00އާ ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާ އިރު އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.
މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އެ އިދާރާ އިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓް ހުންނާނެ ކަމަށެވެ. މޫސުން ގޯސްވެ ވިއްސާރަވެ ކަނޑަތުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ