މެމްބަރު ޔަޢުޤޫބުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެމްބަރުކަން ޤަބޫލު ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރ ޔަޢުޤޫބު ޢަބްދޫﷲގެ މެމްބަރުކަން ގެއްލޭނެ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ. 
މިއަދު ސުޕްރީމް ކޯޓްގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މިގޮތަށް ޙުކުމް ކުރެއްވީ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. މި މައްސަލަ ބެއްލެއްވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުޢޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު ޢަލީ ރަޝީދާއި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ. މިމައްސަލަ ނިންމުމުގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް ހުރިހާ ފަނޑިޔާރުންވެސް ތާއިދު ކުރެއްވިއެވެ. 
ތިން ނުކުތާއެއްގެ މައްޗަށް އިއްވެވި ޙުކުމްގެ ފުރަމަ ނިންމުމަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަކީ ޤާނޫނު އަސާސީގެ 73ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ވަޒީފާއެއް އަދި އެމާއްދާގެ (ރ) ބަޔާންކޮށްފައިވާ މުސްތަޤިއްލު މެމްބަރު ކަމަށް އަދި މަޤާމެއްކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެޅުމުވެ. 
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދާކުރުން މަނާކޮށްފައިވާ ވަޒީފާއެއް މެމްބަރުން އަދާކޮށްފިނަމަ އެމެމްބަރަކު މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެކަމަށް ބަލާނެ ހަމައެއް ނެތްކަމަށް ވެސް ފަޑިޔާރުންގެ ޢިއްތިފާޤުން ވަނީ ކަނޑައަޅައިފައެވެ.
 ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢްޤޫބު ޢަބްދުﷲ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަގުތީ ކައުންސިލުގެ މެމްބަރުކަމަށް އައްޔަން ކުރުމުން، އެމަޤާމު ޔަޢުޤޫބު ޢަބްދުﷲ ޤަބޫލުކުރެއްވި، ކުރެއްވުމަކީ ޤާނޫނޫއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ތިން ވަނަ ނަމްބަރާއި އަށް ވަނަ ނަމްބަރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަދާކުރުން މަނާކޮށްފައިވާ ވަޒީފާއެއް އަދާކުރުން ނޫންކަމަށް ވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ޢިއްތިފާޤުން ކަނޑައެޅުއްވިއެވެ. 
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢްޤޫބު ޢަބަދުﷲގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ، އެމެމްބަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ޤާޒީ މުޙައްމަދު ޙަލީމާއި ޤާނޫނީ ވަކީލް އައްސަދު ޝަރީފެވެ.
ޔަޢުޤޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަން ޤަބޫލުކުރައްވައި އެމަޤާމާ ޙާވާލުވުމާ ގުޅިގެންނެވެ. ނަމަވެސް އެކަމާ ގުޅިގެން އުފެއްދެވި ޤާނޫނީ ސުވާލުތަކާ ގުޅިގެން އޭނާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ