ޖެންޑަރ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓުން ގިނަ މައްސަލަތަކެއް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ގިނަ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. 
އަންގާރަ ދުވަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ 2018 ވަނަ އަހަރު އެ މިނިސްޓްރީން މާލިއްޔަތު ގަވާއިދާ ހިލާފަށް ހިންގާފައިވާ ކަންކަން ފާހަގަކޮށް، އެކަންކަން އިސްލާހުކުރާނެ ގޮތް ހިމަނާފައެވެ. 
އެގޮތުން ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތާ ގުޅިގެން ގިނަ މައްސަލަތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި އޮޑިޓް ރިޕޯޓުގައި އެކަށީގެންވާ ސަބަބެއް ނެތި ކޮންޓްރެކްޓް ބާތިލްކުރުމާއި ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވުން ފަދަ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. މިކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ރިޕޯޓުގައި ވަނީ މިއީ އެނގިހުރެ ދައުލަތަށް ގެއްލުންވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ އަށް ހުށަހެޅުމަށް އަންގާފައެވެ. 
މީގެއިތުރުން ރިޕޯޓުގައިި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ވިލިމާލެ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތި ހިޔާގައި ދިރިއުޅޭ ސުކޫލު ކުދިންނަށް ބޭނުންވާ
ފަދަ ތަކެތި ގަނެފައިވަނީ އިޢުލާނު ނުކޮށް، ބައި ބަޔަށް ބަހާލައިގެންކަން ވެސް ފާހަގަކޮށްފައެވެ. އަދި 2018 ވަނަ އަހަރު ވިލިމާލެ ކުޑަކުދިންގެ ހިޔާގެ ކޮއްތު ހަމަޖެއްސުމަށް މުޅި ޖުމުލަ 1،464،980 ރުފިޔާ އެޑްވާންސްކޮށް ނަގާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެ އަހަރު ތެރޭގައި
ކޮއްތަށް ގަނެފައިވާ ތަކެތީގެ ބިލުތަކުން ކޮއްތަށް ޚަރަދުވެފައިވަނީ ޖުމުލަ 1،210،183 ރުފިޔާ ކަމަށް ދެއްކި ނަމަވެސް ކޮއްތު ފައިސާގެ ގޮތުގައި ނެގި ފައިސާގެ ތެރެއިން ޖުމުލަ
443797 ރުފިޔާ ޚަރަދުކޮށްފައިވަނީ ކޮންބޭނުމަކަށްކަން ޔަޤީންކުރެވެން
ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 
މީގެއިތުރުން ގަންނަ ތަކެތީގެ
ސްޓޮކް ހިސާބުތައް ބަލަހައްޓާފައި ނުވާކަމާއި، ތަކެތި ގަތުމާއި އޭގެ ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި އެކަށީގެންވާ ކޮންޓްރޯލްތަކެއް
ގާއިމްކޮށްފައި ނުވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ކަމަކީ މީގެކުރީ އަހަރުތަކުގެ އޮޑިޓްގައި ފާހަގަކޮށް މިނިސްޓްރީގެ އިސްވެރިންގެ
ސަމާލުކަމަށް ގެނެވިފައިވާ މައްސަލައެއްކަމުގައިވީ ނަމަވެސް، 2018 ވަނަ އަހަރު ވެސް މި މައްސަލައަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 
އަދި ފައިސާ ނުދައްކާ ހުރި ބިލުތަކުގެ ގޮތުގައި ހިމަނާފައިވާ އަދަދު ގެ ސައްޙަކަން ކަށަވަރު ކުރެވިފައިނުވުމާއި  މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައި ނުވާ މައްސަތައް ވެސް ވަނީ މި އޮޑިތް ރިޕޯޓާއި އެކު ފެންމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ