ޖެންޑާ މިނިސްޓްރީން 2018 ވަނަ އަހަރު ކޮށްފައިވާ މާލީ މުއާމަލާތްތަކާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރު ކުރި އޮޑިޓުން ގިނަ މައްސަލަތަކެއް ފާހަގަ ވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވާ މައްސަލަތަކުގެ ތެރޭގައި އިއުލާން ނުކޮށް ތަކެތި ގަތުމާއި، ކޮއްތު ފައިސާ އާއި ހަރު މުދަލުގެ ހިސާބުތައް ބަލަހައްޓާފައި ނުވުން ހިމެނެއެވެ. އަދި އޯޑަރު ކުރި ތަކެތި ލިބުނުތޯ ކަށަވަރު ނުކޮށް އެތަކެއްޗަށް އަދި ހިދުމަތަށް ފައިސާ ދެއްކުމާއި، ލާމު އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރެއް އިމާރާތް ކުރުމުގައި ހަދާފައިވާ މާލީ ގޯސްތައް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
މި ސެންޓަރު އިމާރާތް ކުރުމަށް އެންމެ ފުރަތަމަ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 2016ގައި 7 މިލިއަން ރުފިޔާއަށެވެ. ނަމަވެސް މަސައްކަތުގެ އަގުބޮޑުކަމަށް ބުނެ އެ ކުންފުންޏާއެކު ވެފައިވާ ކޮންޓްރެކްޓް ބާތިލު ކުރުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން ޖެނުއަރީ 2017ގައި އެގޮތަށް އަމަލުކޮށްފައި ވެއެވެ. ނަމަވެސް ހަމަ އެ އަހަރު ތެރޭ، އެ މަސައްކަތް 10 މިލިއަން ރުފިޔާއަށް ސިވެކްއާ ހަވާލުކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލްކޮށް، ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ 3 މިލިއަން ރުފިޔާ އަގުބޮޑުކޮށް އެހެން ބަޔަކާ ހަވާލުކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ހަމައެއާއެކު މި ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތުގެ ޕްރޮގްރެސް ޕޭމަންތުގެ 2 ބިލަކަށް 3 މިލިއަން ރުފިޔާ ދައްކާފައި ވާއިރު، އެ ބިލްތަކުން އެޑްވާންސް އަދި ރިޓެންޝަން ފައިސާ އުނިކޮށްފައިވާ ކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ތަކެތި ގަތުމާއި މަސައްކަތް ކުރުވުމުގެ އަގު 35000 ރުފިޔާއަށްވުރެ ބޮޑުވާ ނަމަ، އާންމުކޮށް އިއުލާން ކުރަން ވާނެއެވެ. ނަމަވެސް ވިލިމާލެ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތި ހިޔާގައި ދިރިއުޅޭ ސުކޫލު ކުދިންނަށް ބޭނުންވާ ތަކެތި ގަތުމަށް ބައި ބަޔަށް ބަހާލައިގެން އިއުލާން ނުކޮށް ގަނެފައި ވެއެވެ. އެއީ ވިލިމާލެ ކުޑަކުދިންގެ ހިޔާއިން 66،626 ރުފިޔާގެ ތަކެއްޗާއި ހުޅުމާލެ ފިޔަވަތި ހިޔާއިން 62،591 ރުފިޔާގެ ތަކެއްޗާއެކު ޖުމްލަ 129،217 ރުފިޔާގެ ތަކެއްޗެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ ބޫޓާއި ދަބަހާއި ފެންފުޅީގެ އިތުރުން ބޫޓޫ ޕޮލިޝް އާއި ކާވިލް ފައިވާނެވެ.
މި މުއާމަލާތްތައް ހިންގުމަށް ޖެންޑާ މިނިސްޓްރީން ވަނީ 3 ކޯޓޭޝަނެއް ހޯދާފައެވެ. ނަމަވެސް އެއީ އެއް ކުންފުންޏެއްގެ ދަށުން ހިންގާ ފިހާރަތަކުން ހޯދާފައިވާ ކޯޓޭޝަންތައް ކަމަށް ވާތީ، އެއީ ވާދަވެރި އަގުތަކެއް ކަމަށް ބެލޭކަށް ނެތެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުން ހޯދާފައިވާ ބައެއް ތަކެއްޗާއި ހިދުމަތްތަކަށް 477،034 ރުފިޔާ ދައްކާފައި ވަނީ އެ ތަކެތި ނުވަތަ ހިދުނަތްތައް ލިބުނުތޯ ކަށަވަރު ނުކޮށެވެ. އަދި އެތަކެތި ނުވަތަ ހިދުމަތް ލިބުނުތޯ ލިޔެކިއުމުން އެނގޭކަށް ނެތެވެ.
ހިދުމަތްތަކާއި ތަކެތީގެ ތަފްސީލު އަގާއެކު:
2018 ވަނަ އަހަރު ވިލިމާލެ ކުޑަކުދިންގެ ހިޔާގެ ކޮއްތަށް އެޑްވާންސްކޮށް 1.4 މިލިއަން ރުފިޔާ ނަގާފައި ވެއެވެ. ނަމަވެސް ކޮއްތަށް ގަނެފައިވާ ތަކެތީގެ ބިލްތަކުން ދައްކަނީ 1 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ. ބާކީ 4 ލައްކަ ރުފިޔާ ހަރަދުކޮށްފައިވަނީ ކޮން ބޭނުމަކަށް ކަން ޔަގީން ކުރެވޭކަށް ނެތެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތަށް ލިބޭ މުދާ، ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނަން ވާނެއެވެ. އަދި އެ ހަރުމުދާތައް ހަމައަށް ހުރިތޯ އަހަރަކު އެއްފަހަރު ބަލާ ޗެކް ކުރަން ވާނެއެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ބައެއް ހަރުމުދާތައް ރަޖިސްޓްރީގައި ހިމަނާފައި ނުވާއިރު، ހަރުމުދާތައް ހަމައަށް ހުރިތޯ ވެސް 2018 ވަނަ އަހަރު ބަލާފައެއް ނުވެއެވެ.
އޮޑިޓް އޮފީހުން ބުނީ މި މައްސަލަތަކީ މީގެ ކުރީ އަހަރުތަކުގެ އޮޑިޓްތަކުން ވެސް ފާހަގަކޮށް ޖެންޑާ މިނިސްޓްރީގެ އިސްވެރިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަންތައް ކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކޮށްފައި ނުވާ ކަމަށް އެ އޮފީހުން ފާހަގަ ކުރެއެވެ.
ޖެންޑާ މިނިސްޓްރީގެ އޮޑިޓް 2018: ބޮޑެތި ގޯސްތަކެއް ހަދާފައި ވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ