ހުޅުވާރުލު 150 ކިލޯގެ ޑްރަގް މައްސަލަ: ދައުވާތައް ގައްދޫ ކޯޓުން ބޭރުކޮށްލައިފި

އޭޕްރީލް 29، 2019ގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލާގައި ދައުވާ ކުރި ފަސް މީހުންގެ މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލައިފި އެވެ. ލޯންޗަކުން ހުލުވާރުލަށް މަސްތުވާތަކެތި ގެނެސް، ޑިންގީއަކަށް އަރުވައިގެން ރަށަަށް ބާލައި ވަޅުލި ކަމުގެ ތުހުމަތުގައި ފަސް މީހަކަށް ދައުވާ ކުރި އެވެ. އެ މީހުންނަކީ ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ގދ. ހުޅުވާރުލުން އަތުލައިގަތް މަސްތުވާތަކެތި : ޖުމްލަ 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ -- ފޮޓޯ: ފުލުހުން އެ މައްސަލަތައް ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ. ކްރިމިނަލް ކޯޓުން އެހެން ނިންމުމުން ޕީޖީއިން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި، ގައްދޫ ކޯޓުން މިއަދު ވަނީ ދައުވާތައް ބޭރުކޮށްލައިފަ އެވެ. ދައުވާ ބޭރުކޮށްލީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ހުކުމުގައިވެ އެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައިވުމުން ހައިކޯޓުގައި އިސްތިއުނާފްކޮށް ހައިކޯޓުން ހައްލެއް ހޯދައިގެން މެނުވީ މައްސަލަ ގައްދޫ ކޯޓަށް ހުށަނޭޅޭނެކަމަށްވެސް ހުކުމުގައިވެ އެވެ. ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުރި މަސްތުވާތަކެތި ހޯދަން ފުލުހުން ކޮންނަނީ -- ފޮޓޯ/ ފުލުހުން ހުލުވާރުލުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސްއެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރެއެވެ. މިއީ ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެއިން އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރެވެ. އެ މައްސަލައިގައި ދައުވާ ކުރި މީހުން ހައްޔަރު ކުރި އިރު ލޯންޗުންވެސް ޑިންގީއިންވެސް މަސްތުވާތަކެތި ފެނިފައި ނުވެއެވެ. މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނީ އެ މީހުންގެ ތަހުގީގަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ