2018 ގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ އިމްރާން – އެމްޕީ އިސްމާއިލް

މިހާރު ފެންނަ މަންޒަރުތަކަށާއި އިވޭ އަޑުތަކަށް ރިޔާއަތް ކުރާއިރު 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޙާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވަގުތަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީއޭ އަށް ނިސްބަތްވެ ވަޑައިގަންނަވާ މުހައްމަދު އިސްމާއިލް ވިދާޅުވީ "އިމްރާން އަދާލަތުން ވަކިވާނެ ކަމުގެ ކުލަ އޭނާ ތުރުކުރައްވައިގެން ހުންނެވި ޓައީ އިން އެނގޭ" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ "ބޭރުގެ ޔަހޫދީ ފަރާތްތަކުގެ ތާއިދު މިއަދު އިމްރާން އަށް ލިބެންޖެހޭ ސަބަބުތަކެއް ފޮރުވިފައި ވާނެ" ކަމަށެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ދީނީ ޓެގްގައި އިމްރާން އަނިޔާވެރިކަމަށް ގޮވާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މިރޭ އެމްޑީޕީ އާއި އަދާލަތު އަދި ޖޭޕީ ގުޅިގެން ބޭއްވި ޖަލްސާގައި އިމްރާން ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ މުހައްމަދު އިސްމާއިލް ވިދާޅުވީ "ވެރިކަން ބަދަލުކުރުމަށް ނިކުތުމަކީ ޖިހާދަކަށް ވާނެ އެއްވެސް ދަލީލެއް އިސްލާމްދީނުގައި ނޯންނާނެ" ކަމަށެވެ.
"އަދި އެކަމަކުން ޝަހީދުންގެ ލަގަބު ލިބޭނެ ކަމަށް ބުނުމަކީ ދީނަށް ފުރައްސާރަކުރުން ނޫނީ ކުފުރުގެ ބަހެއް ނޫން ކަމަށް ވެސް ނުވާނެ" ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށް ބުނެ މަގުތަކަށް ނުކުމެ އަނިޔާވެރިކަމަށް ގޮވުމަށްވުރެ ބޮޑު އަނިޔާއެއް ނުދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ "އިމްރާނުމެންގެ ދީނީ ސެޓްފިކެޓާއި ދޭތެރޭ އަދި އިހްލާސްތެރިކަމާއި މެދު ވެސް ސުވާލު އުފެދޭ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ