2007 ވަނަ އަހަރު، މިހާރުގެ ހޮޓެލް ޖެން ހިންގާ އިމާރާތުގެ މަސައްކަތް ސަރުކާރުން ހުއްޓުވީ ޤާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ސަރުކާރުން އެތަނުގެ މަސައްކަތް ހުއްޓުވީ އެތަނުގެ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާފައި ނުވާތީ، ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެއެވެ.
ނަމަވެސް ހ. އަމީނީގޭގައި ހަދާފައިވާ 13 ބުރީގެ އިމާރާތުގެ މަސައްކަތް ކުރަމުން ދިޔަ މާލޭ ހޮޓެލްސްގެ ފަރާތުން ވަނީ އެ މައްސަލަ ކޯޓަށް ވައްދާފައެވެ. އަދި ދަށު ކޯޓާއި ހައި ކޯޓުން ވެސް ވަނީ މަސައްކަތް ހުއްޓުވީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެފައެވެ.
ދަޢުލަތުން ވަނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ. މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ޙުކުމްގައި ބުނެފައި ވަނީ އޭރުގެ މުނިސިޕަލްޓީން އާންމުކޮށްފައިވާ ޤަވާއިދުތަކުގައި އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން އީއައިއޭ ހަދަން ޖެހޭނެ ކަމަށް ބުނެފައި ނެތުމަކީ ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ޤަނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ރިޕޯޓު ހުށަހަޅަން ނުޖެހޭނެ ސަބަބެއް ނޫން ކަމަށެވެ.
އަދި ރާއްޖޭގައި ހިންގާ އެކިއެކި މަޝްރޫއުތަކާ ގުޅިގެން އީއައިއޭ ހަދަން އެންގުމަކީ އެންވަޔަރަމެންޓް މިނިސްޓްރީ އަށް ލިބިގެންވާ ބާރެއް ކަމަށްވެސް ޙުކުމްގައި ވެއެވެ.
އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ހައި ކޯޓުގެ ޙުކުމް ބާޠިލް ކަމުގައި ކަނޑައަޅާފައެވެ.
އެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ހޯދަން މާލޭ ހޮޓެލްސްއިން އެދުނު ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމީ ގެއްލުން ސާބިތުވާ މިންވަރުގެ ހެކި ހުށަހަޅާފައި ނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.
ހޮޓެލް ޖެން ހިންގާ އިމާރާތުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ