ގައްދޫ ރައްޔިތުން ނުކުމެ އަމިއްލައަށް 10 ގޯއްޗެއްގެ އިންވަކިކޮށްފި

ގދ. ގައްދޫ ރައްޔިތުންނަށް އެ ރަށުން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއްވުމާއި ގުޅިގެން އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ގޯތި ބޭނުންވާ މީހުންނަށް އަމިއްލައަށް 10 ގޯއްޗެއްގެ އިންވަކިކޮށްފި އެވެ.
ގައްދޫ ރައްޔިތަކު މިއަދު ބުނީ އިއްޔެ ހަވީރު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ގޯތި ވަކިކޮށްދިނީ ރައްޔިތުން ގޯއްޗަށް އެދި ފޯމް ހުށަހަޅެމުން އެ ފޯމްތައް ދިރާސާކޮށް ގޯތި ލިބޭ މީހުން ކަނޑައެޅުމަށްފަހު ކުއްލިއަކަށް ފޯމްތައް ބާތިލްކުރުމުން ކަމަށެވެ.
" ގޯއްޗަށް އެދި ކުރިމަތިލި މީހުންގެ ފޯމްތައް ކައުންސިލުން ބާތިލުކޮށްލީ ގޯތި ލިބޭ މީހުންނަށް ގޯތި ދޫކުރުމަށްޓަކައި ބައެއް ސަރަހައްދު ތަކުގައި ފާހަގަތައް ވެސް ޖެހުމަށްފަހު، މިއީ ކިހާ ބޮޑު މައްސަލައެއްތޯ، އަޅުގަނޑުމެން މިހާރު އަމިއްލައަށް އިއްޔެ 10 ގޯތި ކަނޑައިފިން، ދެން މިކަންތައް ހުއްޓުވޭނީ ކޯޓުން." ގައްދޫއިން ވާހަކަދެއްކި މީހާ ބުނެފައިވެ އެވެ.
ގައްދޫ ކައުންސިލުން ބުނީ ބިންދޫކުރުން ލަސްވުމާ ގުޅިގެން އެ ރަށުން ބަޔަކު ނުކުމެ އިއްޔެ އިހްތިޖާޖްކޮށްފައިވާ ކަމަށާއި އެގޮތުން އެ މީހުން އަމިއްލައަށް ގޯތީގެ މިންވަކިކޮށް ހަދާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން އެކަމަކާ ފިޔަވަޅެއް ނާޅާނެ ކަމަށް އެކައުންސިލުން ބުނެ އެވެ.
އާބާދީގައި 2799 މީހުން ހިމެނޭ ގައްދޫއިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1996 ގައެވެ. އޭގެ ފަހުން އެރަށުން ގޯތި ދޫކޔުރުން ހުއްޓާލާފައިވަނީ ބިން ހުސްވެގެންނެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އެރަށުން ބިން ހިއްކާ 2010 ވަނަ އަހަރުވަނީ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައެވެ.
މިފަހަރު ދެ ފިޔަވައްސަކަށް ބަހާލައިގެން ދޫކުރުމަށް ނިންމާފައިވަނީ 150 ގޯއްޗެވެ. ފުރަތަމަ ބުރުގައި 90 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގައި ދޫކުރުމަށް ނިންމާފައިވަނީ 60 ގޯއްޗެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހއްމަދު ރިޒާން ވިދާޅުވީ ގޯއްޗަށް އެދިފައިވާ 307 ފޯމް ބާތިލްކުރީ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަކީ ޤާނޫނު އަސާސީއާއި ޚިލާފަށް އެކުލަވާލާފައިވާ އުސޫލުތަކެއް ކަމަށް އަތޮޅު ކައުންސިލުން އަންގާފައިވާތީ އުސޫލުތަކަށް ބަދަލު ތަކެއް ގެންނަންޖެހޭތީ ކަމަށެވެ.
އަދި ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ފަހުން ވެސް ދެ ފޯމެއް ކައުންސިލްގެ އިހްމާލުން ބަލައިގެންފައިވާތީ އެއީ ހިޔާނާތުގެ އަމަލެއް ކަމަށް އޭސީސީން ނިންމުމުން އެއީވެސް ފޯމްތައް ބާތިލްކުރަންޖެހުން ސަބަބެއް ކަމަށް ރިޒާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ