ކޮންމެ މަހަކު އެއް އަދަދަކުން ކަރަންޓު ބިލަށް ފައިސާ ދެއްކޭ ޕްލޭނެއް ތައާރަފުކޮށްފި

ކޮންމެ މަހަކު ކަރަންޓު ބިލަށް އެއް އަދަދަކުން ފައިސާ ދެއްކޭ ޕްލޭނެއް ސްޓެލްކޯއިން ތައާރަފުކޮށްފި އެވެ. ހަމައެކަނި އާންމު ގޭބިސީތަކަށް ބައިވެރިވޭ ގޮތަށް ތައާރަފުކުރި "އީކުއަލް ޕޭމަންޓް ޕްލޭން"އަކީ ގޭބިސީތަކުން ކަރަންޓު ބޭނުން ކުރާ ނިސްބަތުގެ އެވަރޭޖަށް ބަލައި، ކޮންމެ މަހަކުވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. އެ ޕްލޭން ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ކަސްޓަމަރުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބަލާއިރު، ކަސްޓަމަރުން މިފަދަ ޕްލޭނެއް ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ޕްލޭންތައް ބޭރު ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާ ކަމަށާއި މިއީ ރާއްޖޭގައި ޔުޓިލިޓީ ކުންފުންޏަކުން މިފަދަ ޕްލޭނެއް ތައާރަފުކުރި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ-- އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވުމުގެ ފުރުސަތު ކަރަންޓު ނުވަތަ ގޭގެ ވެރިފަރާތާއި ވެރިފަރާތުގެ އިއުތިރާޒެއް ނެތް ނަމަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އެ ޕްލޭނަށް އެދި ފޯމު ހުށަހެޅުމުން އެ ހިދުމަތް ދެވޭނީ ކަސްޓަމަރާއި ސްޓެލްކޯއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ފޯމު ހުށަހަޅާއިރު ވޭތުވެދިޔަ ހުރިހާ މަސްތަކެއްގެ ބިލުތަކަށް ފައިސާ ދައްކާފައި ހުންނަންވާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެ ޕްލޭންގެ ދަށުން މަހުން މަހަށް ދައްކާ ފައިސާގެ އަދަދު ކަނޑައަޅަނީ ދެ ގޮތަކަށެވެ. ބޭނުން ކުރަމުންދާ ކަރަންޓެއް ނަމަ ބަލާނީ ފާއިތުވެދިޔަ 12މަސް ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުގެ އެވަރޭޖަށެވެ. އަދި އަލަށް ބޭނުން ކުރާ ކަރަންޓެއް ނަމަ ބަލާނީ އެތަނެއްގެ ކުޑަބޮޑު މިނާއި ބޭނުންކުރާ ތަކެތީގެ ލޯޑާއި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުގެ އެވަރޭޖަށެވެ. މިދިޔަ އަހަރު ކުރިމަތިވި ޕެންޑެމިކްގެ ސަބަބުން ކަސްޓަރުންގެ ޔޫސޭޖު ތަފާތުވެ، ޕެންޑެމިކްގައި ކަރަންޓު ބިލުތަކަށް ދިން ލުއިތަކުން ބިލު ހެދުމުގެ މަސައްކަތް އެހެން އަހަރުތަކާ ތަފާތުވުމުން އެވަރޭޖް ބަލާނީ 2019ވަނަ އަހަރު ކަރަންޓު ބޭނުންކުރި މިންވަރަށެވެ. ސްޓެލްކޯއިން ބުނީ އެ ޕްލޭންގައި ބައިވެރިވުމަށްފަހު ކަސްޓަމަރުން ބޭނުންކުރާ ކަރަންޓު ކޮންމެ މަހަކުވެސް ބަލަމުންދާނެ ކަމަށާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ފަހު އެ ޕްލޭން ރިވިއުކުރާނެ ކަމަށެވެ. ރިވިއުކުރާއިރު ވޭތުވެދިޔަ ހަ މަސް ދުވަހު އީކުއަލް ޕޭމަންޓްގެ އިތުރުވި އަދަދު ނުވަތަ މަދުވި އަދަދު އެއްކޮށް ނުވަތަ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. ސްޓެލްކޯގެ އިތުރުން ކަސްޓަމަރުންނަށް އެދިގެން ވެސް ޕްލޭން ރިވިއުކުރެވިދާނެ އެވެ މީގެ އިތުރުން ބިލަށް އަރާ އަދަދު އީކުއަލް ޕޭމަންޓްގައި ދައްކަން އެއްބަސްވެފައިވާ އަދަދަށްވުރެ 100 ޕަސެންޓް ކުޑަ ނުވަތަ ބޮޑުވެއްޖެ ހާލަތެއްގައިވެސް ރިވިއުކުރެވޭނެ އެވެ. ޕްލޭންގައި ބައިވެރިވުމަށްފަހު އެއްބަސްވުން އުވާލަން ބޭނުންވާނަމަ 30 ދުވަހެއްގެ ނޯޓިސްއެއް ދޭން ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ