އެއަރޕޯޓާއެކު ފަތުރުވެރިކަމުގެ އެނދުވެސް އިތުރުވާންޖެހޭ: މެމްބަރު ޒިޔާދު

އެއަރޕޯޓް އިތުރުވާވަރަކަށް ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދުވެސް އިތުރުވާންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މެންބަރު ހުސައިން ޒިޔާދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުސައިން ޒިޔާދު ވިދާޅުވީ، ހދ އަތޮޅުގައި ރިސޯޓެއް ނެތްކަމަށާއި، އެންމެ އެކަށީގެންވާ ވަރަށް ގެސްޓްހައުސްވެސް ނެތްކަމަށެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނަ އެއަރޕޯޓް އޮތް ސަރަހައްދެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޒިޔާދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުގައި އެއަރޕޯޓް އެޅުމުގެ ކުރިން އެ ސަރަހައްދުގައި ފަތުރުވެރިކަމަށް ބެޑް އިތުރުކުރުމަކީ މުހިންމު ކަމެއްކަމަށެވެ. ޙާއްސަކޮށް ހދ. އަތޮޅަށް އަމާޒުކޮށް ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، މި ސަރަހައްދުގައި ގިނަ އެއަރޕޯޓް އެބަހުރިކަމަށެވެ. ނަމަވެސް ހަނިމާދޫ އެއަރޕޯޓަށް ބޭނުންވާވަރަށްވެސް ހދ.އަތޮޅުގައި ފަތުރުވެރިކަމުގެ ބެޑް ނެތްކަމަށެވެ. އެހެންކަމުން ހދ އަތޮޅަށް ޙާއްސަ އިސްކަމެއްދީގެން ގެސްޓްހައުސްއާއި ރިސޯޓް ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ޒިޔާދު ވިދާޅުވިއެވެ.
"މިވަގުތަށް ހަނިމާދޫ އެއަރޕޯޓަކީ ހަމައެކަނި ޑޮމެސްޓިކް ފްލައިޓް ޖައްސާ އިންޓަނޭޝަނަލް އެއަރޕޯޓް. އޭގެ ބަދަލުގައި އެ އެއަރޕޯޓް އިންޓަނޭޝަނަލް ވެފައި. ކުޅުދުއްފުށީގައި އެއަރޕޯޓް ހެދިފައި. މަކުނުދޫ އެއަރޕޯޓް ހެދިފައި. ހޯރަފުށީގައި އެއަރޕޯޓް ހެދެންވާއިރަށް މިކަންކަން ކުރުމުގެ ކުރިން ހަޤީގަތުގައި ކުރަންޖެހޭނެ ކަމެއް ބެޑް. ހަނިމާދޫގައި މިވަގުތައް އޮތް އެއަރޕޯޓަށް އެކަށީގެންވާ ބެޑް ނެތް ހދ. ގައި. މިކަމަށް އެބަޖެހޭ ސަރުކާރުން އަދިވެސް އަޅުގަނޑުމެންނަށް އެހީތެރިވާން. ސަބަބަކީ މިވަރު އިންވެސްޓެއް ކުރާއިރުގައި އެ އިންވެސްޓް ކަވަރ ކުރެވޭނެ ގޮތެއްވެސް ސަރުކާރުން ހޯދައިދެއްވަންޖެހޭ ހދ އަށް އަމާޒުކޮށް." ހުސައިން ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، ޤަވާއިދަށް އެންމެފަހުން ގެނައި އިސްލާހާއިއެކު މި ސިނާއަތަށް އިންވެސްޓްކުރަން ބޭނުންވެފައިވާ މީހުންނަށް އިތުރު ފުރުސަތު ހުޅުވިގެން ހިނގައްޖެކަމަށެވެ. ޤާނޫނާއި ޤަވާއިދުގެ ތެރެއިން މިކަން ކުރެވޭނެ މަގު ފަހިވެގެން ދިއުމުގެ ސަބަބުން ރާއްޖޭގައި ހިންގާ ގެސްޓްހައުސް ތަކުގެ އަދަދު އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރިސޯޓްތަކުގައި މަސައްކަތްކުރާ ކުދިންނަށް އެބަދިމާވޭ ވަރަށް ކުދިކުދި އިންވެސްޓަރުން. އެ އިންވެސްޓަރުން އެބަ ބޭނުންވޭ ގެސްޓްހައުސް ވިޔަފާރިކުރަން މިކުދިންނާއި ގުޅިގެން. އެހެންހުރި ދޮރުތަކަށް ވަރަށް ބޮޑު ފުރުސަތަކަށް އެބަވޭ. އެހެންނޫނަސް މިހާރުވެސް މިކަންކުރެވޭ އުސޫލަކީ ހަޤީޤަތުގައި ޤާނޫނީގޮތުން އެކަން ޤަވައިދެއްގެ ތެރެއަށް ނުފެއްތިއަސް ކޮންމެސް ބޭރުމީހަކާ ގުޅިގެން މިކަމެއް މިކުރަނީ. އޭގެބަދަލުގައި މިހާރު ޤާނޫނުގެ ތެރެއިން އެކަން ކުރެވެން އޮތީމަ އަޅުގަނޑަށް ހީވަނީ ގެސްޓްހައުސްތައް ވަރަށް ބޮޑަށް އިތުރުވާނެ." ހުސައިން ޒިޔާދު ވިދާޅުވިއެވެ.
ހދ. އަތޮޅުގައި ރިސޯޓް ތަރައްޤީކުރުމަށް މީގެކުރިންވެސް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މި ސަރަހައްދުގައި ރިސޯޓެއް ތަރައްޤީކުރެވިފައެއް ނުވެއެވެ. އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ބޮޑުތިލަދުންމައްޗަށް އިޤްތިސާދީ ބޮޑު ތަސައްވުރެއް ގެންގުޅުއްވާ ކަމަށާއި ހަނިމާދޫ އެއަރޕޯޓު ހަޤީޤީ ބައިނަލްއަޤްވަމީ އެއަރޕޯޓެއްގެގޮތުގައި ތަރައްޤީކޮށް ކައިރި ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ