ލިރާރު: ސްކޫލް ނިންމާލުމަށްފަހު ވެލްޑިންގގެ ދާއިރާއަށް، މިއަދު އެންމެ އުހުގައި!

އެއީ 1996 އަހަރެވެ. ދުވަސްކޮޅެއްވާންދެން އެކި މީހުންގެ ގާތުގައި މަސައްކަތްކުރުމަށްފަހު އަމިއްލަ މަސައްކަތެއް ކުރުމަށް އަޙްމަދު ލިރާރު، މަޝްހޫރު ނަމުންނަމަ "ޕްރިމޯ" ނިންމިއެވެ. ކައިވެންޏެއްކޮށް، އަމިއްލަ ދިރިއުޅުމުގެ މުހިންމު ހިސާބަކަށް ގޮސްފައިވަނިކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޭނާ ނިންމީ އެއީ އެހާ ފަސޭހަވާނެކަމެއް ނޫންކަން ފުރިހަމައަށް ދަނެހުރެއެވެ. ނަމަވެސް އެ ދުވަހު ބިރަކާނުލާ ލިރާރު ނެގި "ރިސްކުން" މިއަދު ވަނީ ފޮނި ނަތީޖާތަކެއް ފެނިފައެވެ. ލިރާރަކީ އޭނާގެ މަސައްކަތުގެ ދާއިރާގައި އެންމެ އުހުގައި ފިޔަޖަހަމުންދާ އެއް ފަރާތެވެ.
"ވޮއިސް"އިން ލިރާރުގެ ހަޔާތުގެ ވާހަކަ ހޯދުމަށް އޭނާއާ ބައްދަލުކުރުމުން އެ ވާހަކަތައް ފެށީ ގްރޭޑް 7އިންނެވެ. އޭނާގެ ޢާއިލާގެ މާލީ ފުދުންތެރިކަން ހުރިވަރުން، ލިރާރަށް ޖެހުނީ ގްރޭޑް7އާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށްފަހު މަސައްކަތުގެ މާހައުލަށް ވަންނާށެވެ. 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި އޭނާގެ އެންމެ ފުރަތަމަ މަސައްކަތުގެ މައިދާނަކީ މެރިން ޑްރައިވްގައި ހުންނަ މަޝްހޫރު ކުވާ މޮހޮދޭގެ ވޯކްޝޮޕެވެ. 
އެތަނުން އޭނާއަށް ކުރަންޖެހުނު އެންމެ ފުރަތަމަ ބޮޑު މަސައްކަތަކީ އެމްޓީސީސީގެ ކޮޅުވެއްޓިއެއް މަރާމާތުކުރުމެވެ. އޭރުން ފެށިގެން ވެލްޑިންގގެ ދުނިޔޭގެ ތަފާތު މަސައްކަތްތަކަށް ލިރާރުގެ ސަމާލުކަން ދެވުނެވެ. އޭރު އުމުރުން އެންމެ 16 އަހަރު ވިޔަސް، ވެލްޑިންގކުރުން ވެގެންދިޔައީ ވަރަށް ކަމުދާ މަސައްކަތަށެވެ. އެއަށްފަހު "ވައިޑީ"ގެ ކައިރީގައި މަސައްކަތްކުރަން ބަދަލުވެ، އެތަނުގައިވެސް މުހިންމު މަސައްކަތްތަކެއްކޮށް، ގިނަ ތަޖުރިބާތަކެއް ހާސިލުކުރިއެވެ.
އެގޮތުން ލިރާރު ފާހަގަކުރިގޮތުގައި އޭނާއަށް ވައިޑީގެ ކައިރީގައި މަސައްކަތްކޮށްގެން އެންމެ ބޮޑު އެއް ތަޖުރިބާއަކީ މަސައްކަތުގެ ތަޖުރިބާ ހޯދަން އަވައްޓެރި ސްރީލަންކާއަށް ކުރި ދަތުރެވެ. 1996ވަނަ އަހަރުގެ ކުރީކޮޅުގައި ކުރި މި ދަތުރުގައި އޭނާވަނީ ލަންކާގެ ޑޮކްޔާޑެއްގައި 23 ދުވަސް ހޭދަކޮށްފައެވެ. އެއީ ވެލްޑިންގގެ ކަންކަން އޭނާއަށް ވަރަށް ބޮޑަށް ދަސްކޮށްދިން ތަޖުރިބާއެއްގެ ގޮތުގައި ލިރާރު ފާހަގަކުރެއެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ދާއިރާއިއިން މަސައްކަތް ދަސްކޮށް ކުރިއަށް ދިއުމަށް އަޅުގަނޑަށް އެންމެ ބޮޑު ހިއްވަރެއްދިނީ އަޅުގނޑުގެ ދޮންބެ އަހުމަދު ރަޝީދު (ކުވާ އަހުމަދު) އަދި މިހާރުވެސް މި މަސައްކަތުގައި އަމަލީ ގޮތުން އަަޅުގނޑާ ބައިވެރިވެ ކަމުގެ ފަންނީ ލަފާދޭ ފަރާތަކީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ އަޅުގަނޑުގެ ދޮންބެ"
އެއަށްފަހު އެ އަހަރުގެ ވަކި ހިސާބަކުން އޭނާ ނިންމީ ޒަވާޖީ ހަޔާތެއް ފެށުމާއެކު، އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތެއް ފެށުމަށެވެ. ކުރިން އެކި ތަންތަނުން ލިބިފައިވާ ހުރި ތަޖުރިބާއާއެކު، ފެށި އަމިއްލަ ވިޔަފާރީގައި ލިރާރަށް އެންމެ ފުރަތަމަވެސް ބޮޑު މަސައްކަތަކަށް ލިބުނީ ޗަމްޕާގެ ކުންފުނިތަކުގެ ރިސޯޓްތަކުގައި ދަގަނޑުގެ މަސައްކަތްތަކެވެ.
އެ ވިޔަފާރި މަޑުމަޑުން ފުޅާވަމުންގޮސް، 2005ވަނަ އަހަރުގައި އުފެއްދި ލިރާރުގެ ކުންފުނިކަމަށްވާ "މައިލް ސްޓީލް މޯލްޑިވްސް"އަށް ތިލަފުށީ ސިނާއީ ސަރަޙައްދުން ވަކި ބިމެއް ލިބުނެވެ. މިއަދު، އެކުންފުނީގެ ހުރިހާ މަސައްކަތްތަކެއްގެ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ އެމް.އެސް.އެމް ބޯޓްޔާޑުގައެވެ. އެއަށްފަހު އެކުންފުނިން ވަނީ ބޯޓް ބިލްޑިންގގެ މަސައްކަތްތައްވެސް ފަށާފައެވެ. 
ލިރާރު ބުނިގޮތުގައި މައިލްޑް ސްޓީލުން ވާނީ ގިނަ އަދަދެއްގެ ބާޖު، ކޮޅުވެއްޓި، ދަގަނޑު ތާނގީ އަދި ތެޔޮބޯޓުތަކުގެ މަސައްކަތްކޮށް އަދި މަރާމާތުކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ރާއްޖޭގައި މަޝްރޫޢުތައް ހިންގުމަށް އަންނަ ބޭރުގެ ބައެއް ކުންފުނިތައްވެސް ހިމެނޭކަން ލިރާރު އުފަލާއެކު ފާހަގަކުރިއެވެ. އަދި ދިވެހިރާއްޖޭގެ މަޝްހޫރު ދެ ރިސޯޓެއްކަމަށްވާ މީރު އައިލެންޑް ރިސޯޓް އަދި ކުރެއްދޫ މޯލްޑިވްސްގެ ހުރިހާ ދަގަނޑުގެ މަސައްކަތެއް ކޮށްފައިވަނީވެސް މައިލް ސްޓީލްގެ ފަރާތުންނެވެ.
ލިރާރު މަޢުލޫމާތުދިން ގޮތުގައި މައިލް ސްޓީލުން މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް ޚިދުމަތަކީ ފަރަށް އަރާ އުޅަނދުފަހަރު ފުންކޮށްދިނުން ނުވަތަ ސަލްވޭޖްކުރުމުގެ ޚިދުމަތެވެ. އެކަމަށް ޚާއްޞަކޮށްގެން އެކުންފުނީގައި ބޮޑު ޓަގެއް އޮންނައިރު، އޭގައި ބެލޫން އަދި ކްރޭންފަދަ ސާމާނުވެސް ހުންނާނެކަމަށް އޭނާ ބުންޏެވެ. މީގެއިތުރުންވެސް އެކި ފަރާތްތަކުން ބޭނުންވާ ކަންކަމަށްޓަކައި ބާޖު، ކޮޅުވެއްޓި އަދި ޓަގްބޯޓް ކުއްޔަށް ދޫކުރުމާއި، ދޯނިފަހަރު އެހެލާ ބޭލުމުގެ ޚިދުމަތުވެސް މައިލްޑް ސްޓީލްގެ ތިލަފުށި ބޯޓުޔާޑުން ފޯރުކޮށްދެމުންދާކަމަށް ލިރާރު ބުންޏެވެ.
ލިރާރު ކިޔައިދިން ގޮތުގައި އޭނާ މިހާރު ބޭނުންވަނީ އުމުރުން 50 އަހަރު ވުމުން، މަޑުމަޑުން ވިޔަފާރި ހިންގުމުގެ ކަންކަމުން ދުރަށް ޖެހިލާށެވެ. ވިޔަފާރީގެ ކަންކަން އޭނާގެ ތިބި ހަތަރު ދަރިންނަށް ހަވާލުކޮށް، ރަށްރަށަށް ދަތުރުކޮށް ހެދުމަށެވެ. އޭނާ ދެއްކި ވާހަކަތަކުން ހާމަވާ އެއްކަމަކީ ލިރާރަކީ ތަފާތު ހިންގުމުގެ އުސްލޫބެއް ގެންގުޅޭ މީހެއްކަމެވެ. އެގޮތުން ލިރާރު ކިޔައިދިން ގޮތުގައި، އޭނާ މިހާރުވެސް ތިލަފުށީގެ ސައިޓަށް ކޮންމެ ހަފުތާއަކު ޒިޔާރަތްކުރަނީ ދެ ދުވަހެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައެވެ. މި ދެ ދުވަހު އޭނާ އެތަނަށް ގޮސް ކުރަމުންދާ މަސައްކަތްތައް ބަލައި، މުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުތައް ފޯރުކޮށްދެއެވެ.
ލިރާރު ބުނިގޮތުގައި އޭނާގެ ވިޔަފާރީގެ ކަންކަން ބަލަހައްޓަނީ، ފެށުނީއްސުރެ އޭނައާ އެކުގައި މަސައްކަތްކުރަމުންދާ މިހާރު ކުންފުނީގެ މެނޭޖަރކަމުގައި ހުރި މުޙައްމަދު ހަމީދެވެ. ލިރާރުގެ ދަރިންވެސް މަސައްކަތް ކުރާނީ މުޙައްމަދުގެ ދަށުންކަމަށާއި، އޭނާ މުޙައްމަދަށް އެހާ އިތުބާރުކުރާކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ