ކަރަންޓު ފީގެ އަގު ބަދަލުކުރަން ގއ. ނިލަންދޫ ކައުންސިލުން އެކަނި އެދިފައިވާތީ އެކަން ކުރެވޭކަށް ނެތް: ދައުލަތް

ކަރަންޓު ފީގެ އަގު ބޮޑުވާގޮތަށް ކަރަންޓް ޔުނިޓްގެ އަގު ބަދަލުކުރަން އެދިފައިވަނީ ހަމައެކަނި ގއ. ނިލަންދޫ ކައުންސިލުން ކަމަށްވާތީ އެކަން ކުރެވެން ނެތްކަމަށް ދައުލަތުން ބުނެފި އެވެ.
ގއ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއިން ކަރަންޓުފީގެ ގޮތުގައި ނަގަން ނިންމާފައިވާ ރޭޓްތަކަށް ކަރަންޓްފީ ނެގުމަށް ފާސްކޮށް ދިނުމަށް އެދި މޯލްޑިވްސް އެނާޖީ އޮތޯރިޓީއަށް ފޮނުވާފައިވީ ނަމަވެސް އެ ރޭޓްތައް ފާސްކޮށްދީފައިނުވާތީ، ނިލަންދޫ ކައުންސިލުން އެދިފައިވާގޮތަށް އެ ރޭޓުތަށް ފާސްކޮށްދިނުމަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ މައްޗަށް އަމުރު ނެރެދިނުމަށް އެދި ނިލަންދޫ ކައުންސިލުން ދައުވާ ކުރި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ ކަރަންޓް ޔުނިޓަކަށް ނަގަންޖެހޭ ފީ ކަނޑައެޅުމަކީ ގާނޫނުން އެނާޖީ އޮތޯރިޓީއާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ނިލަންދޫ ކައުންސިލުން ފޮނުވާފައިވާ ރޭޓުތަކަށް ބަދަލުގެނެސްފިނަމަ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.
ނިލަންދުއާއި އެ ސަރަހައްދުގެ ހުރިހާ ރަށަކަށްވެސް ކަރަންޓް ޔުނިޓްގެ އަގު ކަނޑައަޅާފައިވަނީ އެއް ރޭޓަކުން ކަމަށާއި އެރޭޓްތަކަކީ އެނާޖީ އޮތޯރިޓީން ކުރި ދިރާސާއަކުން ކަނޑައަޅާފައިވާ ރޭޓްތަކަށް ކަމަށްވާއިރު ހަމައެކަނި ނިލަންދޫ އިންޖީނުގޭގެއަށް ވަކި ރޭޓްތަކެއް ފާސްކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ނިލަންދޫ ކައުންސިލްގެ ގާނޫނީ ވަކީލު އާއިޝަތު އަލީ ޝަރީއަތުގައި ވިދާޅުވީ އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓުތަކަކީ 2003 ވަނަ އަހަރު ކަނޑައަޅާފައިވާ ރޭޓުތަކެއް ކަމަށާއި، އެއީ އެއްވެސް ދިރާސާއެއް ކޮށްގެން ހަމަޖައްސާފައިވާ ރޭޓްތަކެއް ނޫންކަމަށަވެ. އަދި ވިދާޅުވީ އެރަށުގެ އިންޖީނުގެ ކުރިން ޔުޓިލިޓީޒް ކުންފުނިން ހިންގި އިރު ސަރުކާރުން އިންޖީނުގެއަށް ސަބްސިޑީ ދިންކަމަށާއި، ނަމަވެސް ކައުންސިލުން އިންޖީނުގެ ނެގުމުން ކުރިންދެމުން ގެންދިޔަ ސަބްސިޑީ ދިނުން ހުއްޓާލާފައިވާކަމަށެވެ. މިހާރު ކަރަންޓުޔުނިޓަކަށް ނަގަމުން އަންނަ ރޭޓުން ކަރަންޓު ފީ ނަގަން ޖެހިއްޖެނަމަ އިންޖީނުގެ ބަނގުރޫޓުވެ ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަހުރޫމް ވެގެން ހިގައިދާނެކަމަށް ވެސް ވިދާޅުވި އެވެ.
ކަރަންޓު ޔުނިޓް ޔުނިޓްގެ ރޭޓުތައް ކަނޑައެޅުމަށް އެނާޖީ އޮތޯރިޓީން ދިރާސާ ކޮށްފައިވާ ފަރާތުގެ ތައުލީމީ ފެންވަރާއި ބެހޭގޮތުންނާއި، އަދި އެ ދިރާސާ ހެދީ ކޮން އަހަރަކުކަން ސާފުކުރުމަށް ސިވިލް ކޯޓުގެ ގާޒީ ވަނީ ދައުލަތުގެ ވަކީލުގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެމައުލޫމާތު ދެވޭނީ އެނާޖީ އޮތޯރިޓީން އެކަން ސާފުކުރުމަށްފަހުގައި ކަމަށެވެ.
ނިލަންދޫ ކައުންސިލްގެ ވަކީލު ވަނީ އެ ދިރާސާ ކުރެއްވި ފަރާތް ޝަރީއަތަށް ހާޒިރުކޮށް ދިނުމަށް ޝަރީއަތުގައި އެދިފައެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ނާއިބު ރައީސް އާސިފް މުހައްމަދު މިއަދު ވިދާޅުވީ އިންޖީނުގޭގެ މާލީހާލަތު ހުރިގޮތުން އެ ރަށަށް މާގިނަ ދުވަސް ވަންދެން ކަރަންޓު ދެވެން ނެތްކަމަށެވެ. އިންޖީނުގޭގައި މިވަގުތު ތެޔޮ ހުރީ މި މަސް ނިމެންދެން ކަރަންޓު ދެވޭވަރަށް ކަމަށްވާތީ މިމަސް ނިމުމުން މުޅިރަށުން ކަރަންޓް ކަނޑައިލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ