ކައުންސިލްތަކާއި ސަރުކާރުގެ ސިޔާސަތުތައް ފުށުއަރައިގެން ނުވާނެ - އުމަރު

ލޯކަލް ކައުންސިލްތަކުން އެކުލަވާލާ ސިޔާސަތުތަކަކީ، ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ލޯކަލް ކައުންސިލްތައް އުފެދުނުތާ ހަތަރުވަނަ އަހަރު ފާހަގަ ކުރުމުގެ ގޮތުން އުމަރު މިއަދު ދެއްވި ޚިތާބެއްގައި ވިދާޅުވީ، ކައުންސިލް އިދާރާތަކަކީ ނަމޫނާ ތަންތަނަށް ވާން ޖެހޭނެކަމަށާއި، ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ދެވޭނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކައުންސިލްތަކުގެ ސިޔާސަތު ބަދަލުކޮށްގެން ކަމަށެވެ.
މީގެ އިތުރުން، އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށް ވާއިރު، މިކަން ކުރުމަށް ކައުންސިލްތަކާއި ސަރުކާރާ އަދި ރައްޔިތުންނާ ދެމެދު ގުޅުން ރަނގަޅުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި، އެލްޖީއޭގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، މި ދައުރުގައި ކައުންސިލްތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ގާނޫނީ އިމުގެ ތެރޭގައި ގައުމީ ލޯތްބާއެކު މަސައްކަތް ކުރުމުގެ ރޫހު ދައްކުވައިދޭ ކައުންސިލްތަކަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ޢުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ