ގޮތް ނިންމުމުގެ ކުރިން 12 މެންބަރުން ހިމަނައިގެން ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން 12 މެންބަރުން ހިމަނައިގެން ނިންމާ ކޮންމެ ނިންމުމަކީ އޭގެ ޒާތުގައި ވެސް ބާތިލް އަދި ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެކޯޓުން މިހާރު ބަލަމުން ގެންދާ މައްސަލައިގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވަދެ، 12 ބާރަ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިއަދު ވަނީ ކަނޑައަޅާފައެވެ. އެމައްސަލައާ ގުޅިގެން، މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގެ ކިބައިގައި ހަމަވޭތޯ ނުވަތަ އެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި، ނުވަތަ އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާއި މެދު ޚިލާފެއް އުފެދިއްޖެނަމަ، އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެ ކަމާއި މެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން 12 މެންބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލް އަދި ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ. ސުޕްރީމް ކޯޓުގެ މިއަމުރާ ގުޅިގެން މިރޭގެ ވަގުތެއްގައި އީސީއިން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ