ފުލުހުންގެ އިދާރާ ތަރައްޤީކުރަން ރައްޔިތުން ހިޔާލު ހުށައަޅަން ހުޅުވާލައިފި

ފުލުހުން ތަޢާރަފުކުރި ރައްޔިތުންގެ ޚިޔާލު އޮންލައިން ޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުންކަމުގައި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެކްޓިންގ ސީޕީ މުހައްމަދު ހަމީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށާއި ޕޮލިސް ރިފޯމްކުރުމަށް ޤާއިމްކުރި "ރައްޔިތުންގެ ޚިޔާލު" އޮންލައިން ޕޯޓަލް އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މެނޭޖްމަންޓް ބޯޑުގައި، މި އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މެނޭޖްމަންޓް ބޯޑު ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އޮންލައިން ޕޯޓަލް އިފްތިތާޙު ކޮށްދެއްވުމަށްފަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، މިޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުން ކަމަށާއި އަދި މިޕޯޓަލް މެދުވެރިކޮށް ފެބްރުވަރީ 15 އާއި ހަމައަށް ހުށަހެޅޭ ޚިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައިވެސް ބޭނުންކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެތާރީޚަށް ފަހުގައިވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެކަމާއި، އެގޮތުން ހުށަހެޅޭ ޚިޔާލުތައް މޮނީޓަރކޮށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކަމުގައި ކަމުގައިވެސް އެކްޓިން ސީޕީ މުހައްމަދު ހަމީދު ވިދާޅުވިއެވެ.
މިއަދު އިފްތިތާޙުކުރި މި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި އާންމުންގެ ޚިޔާލުލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭކަމެކެވެ.
ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެ ތެރޭގައި އޮންލައިން ޕޯރޓަލްގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކަނޑައެޅޭ ގްރޫޕް ބައްދަލުވުންތަކާއި ފޯރަމްތަކާއި އަދި ޕޮލިސް ރިފޯމް ސިމްޕޯސިއަމެއްވެސް ބޭއްވުމަށްވަނީ ހަމަޖައްސާފައެވެ. އެގޮތުން ފޯކަސް ގްރޫޕްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ދަޢުލަތުގެ މިނިވަން ބައެއް މުއައްސަސާތަކާއެކު ވަނީ ބައްދަލުވުން ކުރިއަށްގެންދެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ