ޖޭޕީ ޓިކެޓްގައި ބިލެތްދޫ ދާއިރާއަށް، އަހުމަދު ސައުދު

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި އެޕާޓީގެ ކުރީގެ ރަޖިސްޓަރ އަހުމަދު ސައުދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބިލެއްދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާ އެކަން އިއުލާނުކުރައްވައިފިއެވެ.
ސައުދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބިލެއްދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވުމަށްޓަކައި ޖޭޕީގެ އޮފީހަށް ސިޓީ ހުށައަޅުއްވާފައިވާކަމަށެވެ.
ސައުދަކީ ޖުމްހޫރީ ޕާޓީއަށް ވަރަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބު އިންތިހާދަށް ކާމިޔާބުކޮށްދެއްވުމަށް ސައުދު ވަނީ ޖުމްހޫރީ ޕާޓީގެ ޓީމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ސައުދު ރަޖިސްޓްރާއަކަށް ހުންނެވި ދުވަސްވަރު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބިލެއްދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ސައުދު ހުށައަޅުއްވާފައިވާއިރު، ޕާޓީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ސައުދުގެ އެ ނިންމެވުމަށް މަރުހަބާ ކިޔަމުންނެވެ. އަދި ސައުދަކީ ޖުމްހޫރީ ޕާޓީއަށް ވަރަށް ވަފާތެރި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށް ޖޭޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައިވެއެވެ. ސައުދު ވަނީ މާޒީވެދިޔަ ދުވަސްތަކުގައި އެކަން ސާބިތުކޮށްދީފައިކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ