ރައީސް ސޯލިހަށް ވަފާތެރިވުމަށް އެމްއާރުއެމްގެ މިނިސްޓަރުންގެ ކިބައިން މައުމޫން އެދިވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަފާތެރިވުމަށާއި، ގައުމަށް އިހުލާސްތެރިވުމަށް މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރުންގެ ކިބައިން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ކެބިނެޓަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގުރޫޕަކަށް ރައީސް މައުމޫން ފޮނުއްވި މެސެޖެއް، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް ކަމުގައި އައްޔަން ކުރެއްވި އަބުދުލް އަލީމް ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރައްވާފަ އެވެ.
މީހަކު ކުރި ޓޫވީޓަކަށް ރައްދުދީ އަލީމް ވިދާޅުވެފައިވަނީ ރައީސް މައުމޫން އެއްވެސް މިނިސްޓަރަކަށް ނުފޫޒު ފޯރުވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަބަދުވެސް އިސްކުރާނީ ގައުމު ކަމަށާއި، މިނިސްޓަރުންނަށް ފޮނުވި މެސެޖުން ވެސް އެކަން ޔަގީންވާނެ ކަމަށެވެ.
ރައީސް މައުމޫންގެ މެސެޖްގައި ވިދާޅުވެފައިވަނީ އެމްއާރުއެމްގެ މިނިސްޓަރުން ނަމޫނާ ބަޔަަކަށް ވުމަށް އެހުލާސްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށާއި، ވީހާ އަވަހަކަށް އޮފީހަށް ވަޑައިގެން މުވައްޒަފުން ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން އޯގާތެރިކަމާއި، ވިސްނުންތެރިކަމާއެކު، މުއާމަލާތު ކުރުމަށާއި، ވީހާވެެސް ގިނައިން އާމުންނާއި ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތަށް ބެލުމަށާއި، ކޯލިޝަން ދެމެހެެއްޓުމަށް މަސައްކަތް ކުރުމަށްވެސް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރައީސަށް ވަފާތެރިވެ، ގައުމަށް އިހުލާސްތެރިވުމަށާއި، ސަރުކާރަށް ނުވަތަ މައުމޫން ރިފޯމް މޫވްމަންޓަށް އުނިކަމެއް އަންނަ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށްވެސް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަކީ ހައުސިން މިނިސްޓަރު އާތިފާ ޝަކޫރާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާއި، އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ