ކޮރަޕްޝަނުން ހިންގާ މީހުންނަށް ހައްގު އަދަބުދީގެން ނޫނީ އެ ވަބާއިން ސަލާމަތެއް ނުވެވޭނެ: ގާސިމް

ކޮރަޕްޝަން ހިންގާ ފަރާތްތަކުގެ މައްސަލަތައް އެއްވެސް އިސްތިސްނާއެއް ނެތި ބަލައި ތަހުގީގުކޮށް، ކަނޑައެޅިފައިވާ ހައްގު އަދަބުދީގެން ނޫނީ އެ ވަބާއިން ރާއްޖެ ސަލާމަތް ކުރެވެން ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ގާސިމް ވިދާޅުވީ، ކޮރަޕްޝަނަކީ ހުރިހާ މުޖްތަމައުުއެއްގެ ތެރެއަށް ވެސް އޭގެ ނުބައި އަސަރު ފެތުރި މޫ ލާފައިވާ، މުޖްތަމައުތައް އެ ނުބައި ވަބާއިން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ބޮޑު މައްސަލައެކެވެ.
އެގޮތުން އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ތަރައްގީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި އަމަލުކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ ވަބާ ފެތުރިފައިވާލެއް ބޮޑުކަމެވެ.
އެހެންކަމުން ކޮރަޕްޝަންގެ ނުބައި އަމަލު ހިންގާ ފަރާތްތަކަށް ކަނޑައެޅިފައިވާ ހައްގު އަދަބުދީގެން ނޫނީ އެކަމުން ސަލާމަތް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ.
”ކޮރަޕްޝަންގެ މިނުބައި ޢަމަލު ހިންގާ ފަރާތްތަކާއި، މިކަމަށް އެއްބާރުލުންދޭ ފަރާތްތަކުގެ މައްސަލަތައް އެއްވެސް އިސްތިސްނާއެއް ނެތި ބަލައި ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅުއަޅައި، ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުވައި، ކަނޑައެޅިފައިވާ ހައްގު އަދަބުދީގެން ނޫނީ މިނުބައި ވަބާއިން މި ކުޑަކުޑަ ގަުއުމުވެސް ސަލާމަތް ކުރެވެން އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.،“ ގާސިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގައުމުގެ ފުދުންތެރިކަން، ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭ އަސްލަކީ ވެސް ކޮރަޕްޝަން ކަމަށެވެ.
އެގޮތުން ދިވެހި މުޖްތަމައުއިން ވެސް ކޮރަޕްޝަންގެ ނުބައި އަަމަލު ފޮހެލުމަކީ މިއަދު ކަނޑައަޅަންޖެހޭ މުހިންމު ގަައުމީ ލަނޑުދަނޑިއެއްކަން ފާހަގަކުރައްވާ އެކަމުގައި ސަމާލުކަންދޭންވީ، ކޮރަޕްޝަންގެ ނުބައި އަަމަލު ފެތުރެމުންދާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.
އަދި ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް، ދެފުން ފެންނަ، ރައްޔިތުންނަށް ކަމުގެ ސައްހަ މައުލޫމާތު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދެވިގެން ކަންކަންކުރިޔަށް ގެންދިޔުމަކީ، އެފަދަ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް މަދުކުރެވި، އަދި ރައްޔިތުންގެ އިތުބާރު ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ