ނަޝީދާއި އިމްރާން އަދި ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްއާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި އެވެ.
ސުޕްރީމް ކޯޓުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
މި ހަތަރު މައްސަލައިގެ ތެރެއިން ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުންނެވެ. އިމްރާނާއި ދެ ނާޒިމްގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހެޅުއްވީ އެ ތިން ބޭފުޅުން އަމިއްލަ އަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވަނީ 13 އަހަރުގެ ޖަލު ހުކުމެކެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމްގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ހަތަރު މައްސަލަ ވެސް ރިވިއު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި، އެ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ހޯމަ ދުވަހުގެރޭ ބުންޏެވެ.
ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން 2016 ގައި އޮތީ ތާއީދުކޮށްފަ އެވެ. އަދި އިމްރާނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ކުށް ސާބިތު ނުވެ އޮއްވައި އޭނާ 25 އަހަރަށް ޖަލަށް ލާން 2015 ގައި ހުކުމްކުރީ ސުޕްރީމް ކޯޓުންނެވެ.
ކާނަލް ނާޒިމްއަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ އެގެއްިން ފިސްތޯލައެއް ފެނުނުކަމަށް ބުނެއެވެ. 
އެ ހަތަރު ބޭފުޅުންގެ ތެރެއިން ނަޝީދާއި  ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް މި ވަގުތު ތިއްބެވީ އަމިއްލަ އަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގަ އެވެ. އިމްރާން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. އަދި ކާނަލް ނާޒިމް ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައެވެ.
މިމައްސަލަތައް ބަލައިގެންފައި މިވަނީ 1 ނޮވެމްބަރުގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެމަނިކުފާނުގެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ނިންމާ މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށްވެސް ފޮނުއްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ