ސޫދާންގެ ރައީސް އުމަރު އަލް-ބަޝީރު ސީރިޔާއަށް ވަޑައިގަންނަވައިފި

ސީރިޔާގެ ދާހިލީ ހަނގުރާމަ ފެށުނު ފަހުން އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ އަރަބި ލީގުގެ ލީޑަރަށް ސޫދާންގެ ރައީސް އުމަރު އަލް-ބަޝީރު ވެވެޑައިގަންނަވައިފިއެވެ.
އާދިއްތަ ދުވަހު ސީރިޔާއަށް ވަޑައިގަތުމުން ބަޝީރުއަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވީ ސީރިޔާގެ ރައީސް ބައްޝާރު އަލް-އައްސަދުއެވެ.
ސީރިޔާގެ ދައުލަތުގެ މީޑިއާ "ސަނާ" އަށް އިންޓަވިއު ދެއްވަމުން ބަޝީރު ވިދާޅުވީ ސީރިޔާއަކީ މެދު އިރުމަތީގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ. އަދި ސީރިޔާއާ އެކު ސަރަހައްދީ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.
ސީރިޔާގައި ކުރަމުން ދިޔަ ހަނގުރާމައާ ގުޅިގެން 2011 ވަނަ އަހަރު ވަނީ އެ ގައުމު އަރަބި ލީގުން ބޭރުކޮށްލާފައެވެ. އަދި އަސްކަރިއްޔާގެ ބާރުގެ ބޭނުން އާއްމު ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމަށް ތުހުމަތުކޮށް އަރަބި ގިނަ ގައުމުތަކަކުން ސާރިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު ވެސް އެޅިއެވެ.
ރަޝިޔާ އާއި އިރާނުގެ އެހީތެރިކަމާ އެކު ސީރިޔާގެ ސަރުކާރުން ވަނީ އިދިކޮޅު ހަނގުރާމަވެރިން އަތް ދަށުގައި އޮތް ބޮޑު ސަރަހައްދެއް އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިހެން ވުމާ ގުޅިގެން ބައެއް އަރަބި ގައުމުތަކުން ދަނީ ސީރިޔާއާ އެކު އަލުން ގުޅުން ގާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ކުވެއިތު، ބަހްރޭން އަދި އުރުދުން ހިމެނެއެވެ.
ސީރިޔާގެ ރައީސް އައްސަދު އޮކްޓޫބަރު މަހު ކުވެއިތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އަރަބި ގައުމުތަކާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް މިއީ ކޮން އަރަބި ގައުމުތަކެއް ކަން އައްސަދު ހާމައެއް ނުކުރައްވައެވެ.
ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި މިހާ ތަނަށް ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ފުރާނަ ގޮސްފައިވާ ކަމަށް އދ. އިން ވަނީ އަންދާޒާ ކޮށްފައެވެ. އަށް އަހަރު ދުވަސްވެފައިވާ ހަނގުރާމައިގައި ހުރިހާ ފަރާތްތަކުން ވެސް އިންސާނިއްޔަތާ ހިލާފު އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ