ތިން ރަށެއްގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ބ. އަތޮޅުގެ ތިން ރަށެއްގެ ކަރަންޓު އެއް ވިއުގައަކުން ގުޅައިދޭނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ބ. ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫގެ ޕަވާ ގްރިޑުތައް އެއް ވިއުގައަކުން ގުޅައިދޭނެ ބަޔަކު ހޯދުމަށް މީގެ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާ ކަމަށެވެ.
މީގެ ކުރިން ކުރި އިއުލާނުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކޮށްދިނުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަސް ކަމަށް ފެނަކައިން ބުނެ އެވެ.
މިފަހަރު ކުރި އިއުލާނުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ އަދަދުވެސް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިހާރު ބިޑް ސެކިއުރިޓީގެ އަދަދަކީ 10،000 ޑޮލަރެވެ. ފެނަކައިން ވަނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެ ތިން ރަށުގެ ޖުމުލަ އާބާދީއަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ. ފެނަކައިން ބުނީ ކައިރިކައިރީގައި އޮންނަ އެ ތިން ރަށުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ފަހު މައި އިންޖީނުގެ ބަހައްޓާނީ ގޮއިދޫގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ