ރ. ދުވާފަރުން އިތުރު 12 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދުވާފަރު ހެލްތް ސެންޓަރުން ބުނީ އިއްޔެ އެ ރަށުން ޓެސްޓު ކުރި 67 ސާމްޕަލްގެ ތެރެއިން 12 ސާމްޕަލް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެއީ ޓެސްޓު ކުރި ސާމްޕަލްގެ 17 ޕަސަންޓެވެ. އޭގެ އިތުރުން 105 މީހެއްގެ ނަޖީތާ އަދިވެސް ނުލިބެއެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 550 އަށް އަރާފައެވެ. އަދި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އުޅެނީ 136 ގައެވެ.
”ހަފްތާ“ އަށް މައުލޫމާތު ދެއްވަމުން ހެލްތަ ސެންޓަރުގެ ސިވިލް އިންޗާޖް އަލީ ރަޝީދު ވިދާޅުވީ އެ ރަށުގައި ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން 40 މީހުންނަކީ ހައި ރިސްކް މީހުން ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް މައުލޫމާދު ދެއެވެ. އަދި ހަތަރު މީހަކު ވަނީ އިތުރު ފަރުވާއަށް ބ. އޭދަފުށީ ކޮވިޑު ފެސިލިޓީއަށް ގެންގޮސްފައި ވާކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އެ އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ސިއްހީ އެހީތެރިންވެސް މިހާރު ދަނީ އެ ރަށުގައި ހަރަކާތްރެރި ވަމުންނެވެ. ރަޝިދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލުގެ އެހީތެރިން ދުރުވެ، އެ ރަށުގައި ތިބި ހައި ރިސްކު މީހުންގެ އެސެސްމެންޓުތައް ހަދާފައި ވާކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އެސެސްމެންޓު ހަދާނެ ކަމަށާއި، އެ މީހުންގެ ހާލަތު މޮނިޓާ ކުރަމުން ދާނެ ކަމަށް ވިދާޅުވިއެވެ.
ދުވާފަރު ހެލްތު ސެންޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ބުރާސްފަތު ދުވަހު އެ ރަށުން މަރުވި މީހާއާއެކު އެ ރަށުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. އަދި އެ މީހާ މަރުވީ، ސެންޓަރުގެ އިހުމާލުން ކަމަށާއި، އެ މީހާއަށް ބޭނުންވާ އޮކްސިޖަން ނުލިބިގެން ކަމަށް ބުނެ އެ ރަށުގައި ހަޅުތާލުވެސް ކުރިއެވެ.
އެކަމާ ގުޅިގެން އަލީ ރަޝީދު ވިދާޅުވީ އެ މީހާ މަރުވީ އޮކްސިޖަން ނުލިބުގެން ކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ.
”އެ މީހާ ގެނައި އިރު ހާލު ރަނގަޅު. ހާލު ގޯސްވާން ފެށުމުން އަޅުގަނޑުމެން އޮކްސިޖަން ދިނީ. އޭގެ ފަހުން އައި ދެ މީހުންނަށްވެސް އޮކްސިޖަން ދިނިން. އެ މީހާ މަރުވީވެސް އޮކްސިޖަން ގުޅާފަ އޮއްވާ، އެހެން ވީމަ އަޅުގަނޑަކަށް ނޭގެ އެ މީހާ މަރުވީ އޮކްސިޖަން ނުލިބިގެންނޭ ކިޔަނީ ކީއްވެ ކަމެއް“ ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އެ ސެންޓަރުގައި އެޑްމިޓް ކޮށްގެން މި ވަގުތު އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 410 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.
ދުވާފަރުގެ ހާލަތު ގޯސް، ކޮވިޑަށް ފަރުވާ ހޯދާ އަދަދު 136 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ