މާފަރު ކައުންސިލްގެ އިދާރާއަށް ކަރަންޓު ދީފި

ނ. މާފަރު ކައުންސިލުން ފެނަކައަށް ބިލު ނުދައްކާތާ އަހަރެއްވެ، ނުދައްކާ ހުރި ބިލުތަކަށް ޖުމްލަ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އާރާފައި އޮތުމުން ކަރަންޓު ކަނޑާލުމަށް ފަހުގައި އަލުން ކަރަންޓްގެ ހިިދުމަތް ދޭން ފަށައިފި އެވެ.
މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން މިއަދު އަވަސް އަށް ވިދާޅުވީ ފެނަކައިން މިއަދު ކަރަންޓް ދީފައިވާ ކަމަށެވެ.
އަލުން ކަރަންޓު ދޭން އެ ކޯޕަރޭޝަނުން ނިންމީ ސަރުކާރާއި ފެނަކަ އާއި އެ ކައުންސިލްގެ އިދާރާއިން މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.
މާފަރު ކައުންސިލުން ފެނަކައަށް ދައްކަން ޖެހޭ ފައިސާ ދެއްކޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަދްނާން ވިދާޅުވި އެވެ.
"ވީހާ ވެސް އަވަހަށް އެ ބިލުތައް ދައްކައި ނިންމާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ". އަދްނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާފަރަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށަކަށް ވެފައި އެ ރަށަކީ ފަތުރުވެރިކަމުގެ މަސައްކަތްތަކާއި މަޝްރޫތަކަށް މިހާރުވެސް އިންވެސްޓަރުން ފާރަލާ ރަށަކަށް ވާތީ ރަށުގެ ލޭންޑްޔޫސް ޕްލޭން އެއްކޮށް ނިމުމުން އިންވެސްޓަރުންގެ ހުށަހެޅުންތައް ރަސްމީކޮށް ލިބޭނެ ކަމަށެވެ. މާފަރަކީ އަމިއްލައަށް ވެސް ކަރަންޓު ފޯރުކޮށްދެވޭ ވަރުގެ ރަށަކަށް އޭރުން ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާފަރުގެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުގެ ކަރަންޓް ބިލުތަކުގެ ތެރެއިން 2020 ވަނަ އަހަރުން ފެށިގެން ފައިސާ ނުދައްކާ ހުރި ބިލްތަކުގެ ސަބަބުން ފެނަކަ މާފަރު ބްރާންޗުން ކައުންސިލާއި ޕްރީސްކޫލު އަދި ފުޓްސަލް ދަނޑުން ކަރަންޓް ކަނޑާލީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ