ޓެރަރިސްޓު ހަމަލާތަކުގެ މަގުސަދަކީ ރައްޔިތުން ފުން ހިތާމައަކަށް ވައްޓާލުން: ރައީސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކަކީ ވަކި މަގުސަދެއް ނެތި، ރައްޔިތުން ފުން ހިތާމައެއްގެ ތެރެއަށް ވައްޓާލުމަށް ކުރާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ އަފްޣާނިސްތާނުގެ ކާބުލް އާއި ކުނަރުގެ ސަރަޙައްދަށް ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އަފްޣާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ އަށް އެމަނިކުފާނު ފޮނުއްވި ހަމްދަރުދީގެ މެސެޖުގަ އެވެ. "ރައްޔިތުން ފުން ހިތާމައެއްގެ ތެރެއަށް ވައްޓާލައި ބިރުވެރިކަން އުފެއްދުން ނޫން އިތުރު މަގުސަދެއް މި ހަމަލާތަކުގެ ފަހަތުގައި ނުވޭ،" ރައީސް ވިދާޅުވެފައިވެ އެވެ. ރައީސްގެ މެސެޖުގައި އަފްޣާނިސްތާނުގައި ހިންގި ޓެރަރިޒަމްގެ ފިނޑި އަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި ވާއިރު، އެ ހަމަލާގެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ